ލިޔުނީ: ޒިދާން މުހައްމަދު
ތުތިބޯވަދިލަ މަހުގެ މަސްވެރިކަމަށް ބޭނުންވާ ސާމާނު 10 ފަރާތަކަށް ދިނުމަށް ނިންމަވައި، އެ ތަކެއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި ބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތަކުގެ 10 ސެޓެއް ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، އެ މިނިސްޓްރީން ބުނި ގޮތުގައި، އޭގެ ސެޓެއްގެ އަގު 2 ލައްކަ ރުފިޔާއަށް އަރާ ކަމަށެވެ. އަދި، އެއީ އަގު ބޮޑު ތަކެތި ކަމުގައި ވުމުން، އެ އެއްޗެހި ފޯރުކޮށްދޭން ނިންމާފައި ވަނީ ދިގު މުއްދަތުން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. އެވެ. މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ.
މި އަލާތްތައް ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ލިޔުމަކުން އެ މިނިސްޓްރީއަށް އެކަމަށް އެދި ހުށައަޅަންޖެހޭނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒުން ބުނެއެވެ.