މަގުމައްޗަށް ކުނިއަޅާ މީހުންގެ ނަން އާންމުކުރާ އުސޫލު ބަދަލު ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 44ސ
މަގުމައްޗަށް ކުނިއަޅާ މީހުންގެ ނަން އާންމުކުރާ އުސޫލު ބަދަލު ކުރަނީ

މަގުމައްޗަށް ކުނިއަޅާ މީހުންގެ ނަންތައް އާންމުކުރަން ފެށުމުން، އެއީ އެންމެ އާދައިގެ މީހާ ބޭޒާރު ކުރުން ކަމަށްބުނެ ފާޑު ކިޔުން އިތުރުވަމުން ދާތީ، ނަން އާންމުކުރާ އުސޫލު ބަދަލު ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.  

އެގޮތުން އީޕީއޭ އިން މަޝްވަރާ ކުރަމުން އަންނަނީ ކުނި އެޅި މީހާގެ ނަމުގެ ބަދަލުގައި، އެމީހާ ދިރިއުޅޭ ގޭގެ ނަމާއި އެމީހަކާއިމެދު އެޅުނު ފިޔަވަޅު ފަދަ މައުލޫމާތު އާންމު ކުރުމަށް ކަމަށް އެނގިފައިވެއެވެ.  

އީޕީއޭ އިން އެބަދަލު ގެންނަން ނިންމީ، ކުނި އަޅާ ވަކި ވަކި ފަރުދުންގެ ނަންތައް ނަން ހާމަކުރާތީ ސޯޝަލް މީޑިއާ ގައި އެކަމާއި ގުޅޭގޮތުން ފާޑު ކިޔަމުން ދަނިކޮށެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ބުނެފައިވަނީ، ނިކަމެތިންގެ ނަންތައް އެފަދައިން އީޕީއޭ އިން އާންމުކުރާއިރު ތިމާވެށްޓަށް ގެންލުން ލިބޭ ގޮތަށް ރިސޯޓުތަކުންނާއި ބޮޑެތި މުއްސަނދިން ކުރަމުން އަންނަ ކަންކަން ހާމަ ނުކުރާ ކަމަށެވެ.  

ކުނިއަޅާ މީހުންގެ ނަންތައް އެފަދައިން އާންމުނުކުރުމަށް، ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެއް ފަރާތްތަކުން ވެސް ވަނީ އީޕީއޭއަށް ގޮވާލައްވާފައެވެ. އޭގެތެރޭގައި ކުރީގެ ދެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް ޑރ. އަހުމަދު ޝަހީދު ހިމެނެއެވެ.  

ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަންތައް އާންމުކޮށް އެފަދަ މީހުން ބޭޒާރުކުރުމުގެ ޢަމަލު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ ސަރުކާރުން ހުއްޓާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އާންމުގޮތެއްގައި މިފަދައިން ބޭޒާރުވެފައި ހުންނަނީ އެންމެ ނިކަމެތީން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން