ޒިނޭގެ ކުށް ސާބިތުވި މުޙްސަން އަންހެނަކު ރަޖަމް ކުރުމަށް ޅ. ނައިފަރު ކޯޓުން ކުރި ޙުކުމް ބާޠިލުކުރީ މުޖުތަމައުގެ ޢާންމު މަޞްލަހަތާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރާ އުޞޫލުން ކަމަށާއި 2015 ވަނަ އަހަރު ވެސް މިފަދަ މައްސަލައެއްގެ ޙުކުމް ސްޕްރީމް ކޯޓުން ވަނީ ބާޠިލުކޮށްފައި ކަމަށް ޑީޖޭއޭގެ ލީގަލް އެސިސްޓަންޓް ފައިޞަލް ވިދާޅުވެއްޖެއެވެ. އެ ޤަޟިއްޔާއަކީ "ޒިނޭ ކުރުމުގެ ކުށުގެ ޤަޟިއްޔާ" އެއް ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.
"އެ މައްސަލައިގެ ބާވަތުން ޖިނާޢީ މަދަނީ މައްސަލަތަކުގައިވެސް އެ މައްސަލައިގެ ބާވަތުން އެހެކުމް އެއީ މުޖުތަމައުގެ ޢާންމު މަޞްލަހަތާއި ނުވަތަ މިއޮންނަ އަދުލުގެ ނިޒާމުގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދިދާނެ ފަދަ ކަމެއް ކަމުގައިވާނަމަ އެކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ސްޕަވައިޒަރީ ޖޫރިސްޓިކް ކޮމިޝަނުގެ ދަށުން ފިޔަވަޅުތައް އަޅުއްވަވާފައި އެބަހުރި. އެއް ރުފިޔާ އަށް ބިމެއް ވިއްކި މައްސަލައިގަ ސިވިލް ކޯޓުން ކުރި ޙުކުމްވެސް ސްޕްރީމް ކޯޓުން ވަނީ ބާޠިލުކޮށްފަ."
ފައިޞަލް ވިދާޅުވީ އެ ޤަޟިއްޔާގެ ދަޢްވާ ސްޕްރީމް ކޯޓުން ބާޠިލު ކުރައްވާފައި ނުވާ ކަމަށާއި ބާޠިލު ކުރެއްވީ ޝަރީޢަތުގެ ބައި ކަމަށެވެ. އަދި ކުރިއަށް ގެންދަންވީ ގޮތްވެސް މިހާރު ވާނީ އަނގާފައި ކަމަށެވެ.
ފައިޞަލް މިމޭރުމުން ވިދާޅުވެފައިވާއިރު 1 ރުފިޔާއަށް ބިމެއް ވިއްކުމުގެ މައްސަލަ އާއި ﷲ ތަޢާލާ ވަކި ގޮތަކަށް ޙުކުމް ބާވައިލައްވަވާފައިވާ މައްސަލައަކާއި އެއްގޮތް ކުރެއްވީ ނުވަތަ އަޅުވައި ކިއުއްވީ ކީއްވެގެންކަން ބަޔާން ކުރައްވާފައެއް ނުވެއެވެ. އަދި "މުޖުތަމައުގެ ޢާންމު މަޞަލަހަތާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަން ޖެހޭނެ އުޞޫލު" އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނުން އުފެއްދެވި ﷲ ތަޢާލާއަށްކަން ޤަބޫލުކުރުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭނެ ކަމެއްކަންވެސް ޤަބޫލު ކުރެވެއެވެ.