ރުއްގަސްތައް ކެނޑުމާއި ގުޅިގެން ޅައިމަގު ކައުންސިލް އެއް ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 43ސ
ރުއްގަސްތައް ކެނޑުމާއި ގުޅިގެން ޅައިމަގު ކައުންސިލް އެއް ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހުއްދަ ނެތި ރުއްގަސްތައް ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި ގުޅިގެން ށ. ޅައިމަގު ކައުންސިލް އިދާރާ އެއް ލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.  

 

އެންވަޔަރަމެންތް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާއިބެހޭ ޤަވާއިދުގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމުގައި ގެންގުޅެންވީ އުސޫލުގެ ދަށުން އެއެޖެންސީން ނަގަންޖެހޭ ހުއްދަ ނެތި، ށ. ޅައިމަގުގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްގަސްތައް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާތީ، މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް އިދާރާ ވަނީ މިއަދު ޖޫރިމަނާ ކޮށްފައި ކަމަށެވެ.

 

އެގޮތުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ޖަދުވަލު 5 ގެ ދަށުން 191،250.00 (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ށ. ޅައިމަގު ކައުންސިލް އިދާރާ ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

 

ޅައިމަގު ކައުންސިލް އިދާރާ ޖޫރިމަނާ ކުރުމުގައި، އެއެޖެންސީން ޅައިމަގަށް 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ޒިޔާރަތްކޮށް، ކުރެވުނު ސާރވޭގައާއި ފުލުހުންގެ ފަރާތުން އީޕީއޭ އަށް ލިބުނު މައުލޫމާތަށް ވެސް ބަލާފައި ވާނެ ކަމަށް އެއެޖެންސީން ބުނެފައިވެއެވެ.

 

އެގޮތުން އެރަށު ކައުންސިލު އިދާރާގެ ފަރާތުން ޔުހާސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން އެރަށުގެ އެކި ދިމަދިމާލުން (ހުއްދަނެތި) ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގާފައިވާކަމާއި އަދި ރަށުން ބޭރު ކޮށްފައިވާކަން ވެސް އީޕީއޭއަށް ކަށަވަރު ކުރެވިފައިވާ ކަމާއި އެކަންކަމަކީ ޅައިމަގު ކައުންސިލު އިދާރާއިން ޒިންމާވާން ޖެހޭ ކަމެއްކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން