ރާއްޖޭގައި މެޑިކަލް ކޭމްޕެއް ހިންގުމަށް ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށް ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ވިދާލުވެއްޖެއެވެ.
ވަސީމް އަކްރަމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ޕާކިސްތާނުގެ ސަފީރުވަނީ ރާއްޖެއާއެކު ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަފީރުވަނީ މެޑިކަލް ކޭމްޕެއް ރައްޖޭގައި ހިންގުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ކުރީ އަހަރު ބޭއްވުނު މެޑިކަލް ކޭމްޕަށް ރާއްޖޭގެ ފަރާތުން ދެއްވާފައިވާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ފައިޞަލް ނަސީމް ރާއްޖޭގެ ނައިބު ރައީސްކަމާއި ހަވާލުވެވަޑައިގަތުމާގުޅިގެން ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތާގައިވެސް ޕާކިސްތާނުން ރާއްޖެއާ އެކީ މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި، އެމަނިކުފާނު ވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް މީގެ ކުރީގައި ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުންއިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިގޮތުން، ތަޢުލީމީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއިބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޕާކިސްތާނުން އިސްނަންގަވައިގެން ކޮށްދެއްވަމުންގެންދަވާ ކަންތައްތަކަށް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އުފާވެރި މުސްތަޤްބަލެއް ޕާކިސްތާނާއި ދިވެހިރާއްޖެއަށް އޮތްކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.