ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މާދަމާ ހެނދުނު ވިލިމާލޭގައި ހުޅުވުމަށް ހަމަޖެހިއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ކުރިމަތިވާ ސިއްޙީ މައްސަލަތަކަށް ފަރުވާ ދޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހިފައިވެއެވެ. އަދި މިމަރުކަޒު ހުޅުވުމުން، ޖަނަވާރުންގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅަން ފަސޭހަ ވާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
މިއީ ރާއްޖޭގައި ގާއިމް ކުރާ މިފަދަ ފުރަތަމަ ސެންޓަރެވެ. މިސެންޓަރު ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ، ވިލިމާލޭގައި ހުންނަ ފިޝަރީޒް ރިސާޗް ސެންޓަރުގައެވެ.
މީގެއިތުރުން އެމިނިސްޓްރީޏް ބުނެފައިވަނީ، ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންތްމެންޓް ދޫކޮށްގެން ކަމަށާއި ޚިދުމަތް ދޭން ހަމަޖައްސާފައިވާ ދުވަސްތަކާއި، ގަޑިތަކާއި އަދި އަގުތައް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށެވެ.
ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި، އެތަކި އެތެރެކުރުމާއި ބޭރުކުރުމާއި، އެތަކެތީގެ ދުޅަހެޔޮކަމާއި ގުޅުންހުރި ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ފިޝަރީޒް މިނިސްޓްރީ އެވެ.