ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތީ އޮސްޓްރޭލިއާގެ ސަފީރު ތައުރީފު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތީ އޮސްޓްރޭލިއާގެ ސަފީރު ތައުރީފު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ބްރައިސް ހަޗެސަން، ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.

އޮސްޓްރޭލިއާގެ ސަފީރު، ސަރުކާރަށް ތައުރީފުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ. މީގެއިތުރުން އޮސްޓްރޭލިއާގެ ސަފީރު އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އަދި ދިވެހި ސަރުކާރުގެ މި ނިންމެވުމަށް ސަފީރު މަރުހަބާ ވިދާޅުވި އެވެ. 

މީގެ އިތުރުން އޮސްޓްރޭލިއާއިން ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުވެސް ޝައުޤުވެރިވާ ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށާއި މިއީ ކުރިއަށްއޮތް ތާނގައި ވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފަ އެވެ. މި ގޮތުން އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ދިމިގްރާތީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވި އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަޞީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

 

 

މިއަދު އޮންލައިން