ލޮލުގެ ފެނުމަށް ކުރިމަތިވާ މައްސަލަތަކުން ސަލާމަތްވުމަށް، ނުވަތަ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑރ. ޝާހް ޢަބްދުﷲ މިއަދު ވިދާޅުވީ މިމަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ބޭރުގެ ފަރާތްތަކާއިއެކު ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުންތަކުން އެކުލަވާލާފައިވާ ޕްލޭން ތަންފީޒު ކުރަން ފެށުމުން ލޯ އަނދިރިވުމުގެ މައްސަލަތައް ޙައްލުކުރަން ކުރާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ޑރ. ޝާހް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގިނަކަންތައްތަކެއް ރަނގަޅުކުރަން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ފަދައިން ލޮލުގެ ދުޅަހެޔޮކަން ރަނގަޅުކުރަންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަންކަމަށް ސަމާލުކަން ދީގެން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މިއަދު މޫކައި ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ލޮލުގެ ދުޅަހެޔޮކަން ދަމަހައްޓަން ކުރިއަށް އޮތް 10 އަހަރު އަމަލުކުރާނެ ގޮތުގެ ޕްލޭން ޢާންމުކޮށްފައެވެ. މި ޕްލޭން އެކުލަވާލާފައިވަނީ އެޗްޕީއޭ އާއި އައިއޭޕީބީ، ޑަބްލިޔޫއެޗްއޯ އަދި ސަރަހައްދީ ބައެއް އިދާރާތައް ގުޅިގެންނެވެ.