ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ދެބިދޭސީން މާލެއިން ހައްޔަރުކޮށްފިއެވެ
ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި،
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި 21 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 12 ވަނަ ދުވަހުގެ 08:53 ހާއިރު ރާއްޖެއައި ތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށެވެ. އަދި މިމީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައިގައި 21 އަހަރުގެ އިތުރު ބިދޭސީއަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، މިމަހުގެ 12 ވަނަ ދުވަހުގެ 15:05 ހާއިރު، އެމީހާ ދިރިއުޅޭ ގޭގެ ވެރިފަރާތުގެ ހުއްދަ އާއިއެކު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްްހުރި 26 ރަބަރު ޕެކެޓު އެމީހާ ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދެ މީހުންނަށްވެސް ދީފައިވާ ކަމަށާއި މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ.މާމެންދޫ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ އެތަކެތި ގެންގޮސްފައެވެ.
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނި މާމެންދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އާންމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން، ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު 1:35 ހާއިރު މާމެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަންގައި، ގޭގެ ވެރިފަރާތުގެ ހުއްދައާއެކު އެގޭގެ ކޮޓަރިއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ހޮޅިކޮޅުފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވާ ކަމަށާއި މިމައްސަލަ ލ މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.