މާލޭ ގެއަަކަށް ވަޅި ހިފައިގެން ވަދެ އުމުރުން 65 އަހަރުގެ އަންހެނަކު ރޭޕް ކުރިކަމުގެ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިމަހުގެ ނުވަވަނަ ދުވަހު މާލޭގެ ގެއަކަށް ވަޅިއެއް ހިފައިގެން ވަދެ، އުމުރުން 65 އަހަރުގެ އަންހެނަކަށް ބިރު ދައްކައިގެން އޭނާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގެ ތަފްސީލު ހޯދާލުމަށް "މިއަދުނޫހުން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ނަމަވެސް އޮންލައިން ނޫހެއްގައި ލިޔެފައިވަނީ، މާފަންނުގައި ހުރި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ އަންހެނަކު ރޭޕް ކޮށްފައިވަނީ އެގޭގެ ދެވަނަ ފަންގިފިލާގައި ހުރި ފެންލައިޓުން ވަދެ ކަމަށާއި ވަޅި ހިފައިގެން ވަތް މީހާ ހުރީ މާސްކެއް ވެސް އަޅާފައި ކަމަށެވެ. އަދި އެއަންހެން މީހާ ރޭޕް ކުރުމަށްފަހު، އޭނާއަށް އަނިޔާކޮށް ފާޚާނާ ތެރެއަށް އެއްލާލި ކަމަށް ވެސް ބުނެފައިވެއެވެ.
މައުލޫމާތު ދިން މީހަކަށް ހަވާލާދީ އެނޫހުގައި ލިޔެފައިވަނީ، އަންހެން މީހާގެ ގައިގާ ވަޅި ޖައްސާފައި، ހަޅޭ ލަވައިފިނަމަ މަރާލާނެ ކަމަށް ބުނި ކަމަށާއި އެގެއިން ކޮންމެވެސް ވަރަކަށް ވައްކަން ވެސް ކުރި ކަމަށެވެ.
މިމައްސަލަ ފުލުހަށް ހުށަހަޅާ ފުލުހުން އެކަން ތަހުގީގު ކުރަމުންދާ ކަމަށް އެމީހާ ބުނެފައިވި ނަމަވެސް، ފުލުހުން މިއަދު ބުނެފައިވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.