މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ހުޅުމާލޭ ހޮސްޕިޓަލުގެ ޖޫނިއާރ އެމްބިއުލޭންސް ޑްރައިވަރު މިއަދު ސަސްޕެންޑު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ބުނިގޮތުގައި މަސްތުވާތަކެއްޗާއެކު އެޑްރައިވަރު ހައްޔަރު ކޮށްފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ.
ހައްޔަރު ކުރީ އެމްބިއުލޭންސް ދުއްވަން އިން ޑްރައިވަރު ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ލިޔެފައިވުމުން، އެކަން ސާފު ކޮށްދެއްވަމުން ހުޅުމާލެ ހޮސްޕިޓަލު ހިންގުމާއި އަދިވެސް ހަވާލުވެ ހުރި އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ، ހައްޔަރު ކުރީ އެމްބިއުލޭންސް ދުއްވަން އިން ޑްރައިވަރު ނޫން ކަމަށާއި އޭނާގެ އެހީތެރިއަކަށް އިން ޖޫނިއާރ ޑްރައިވަރު ކަމަށެވެ. އަދި ހައްޔަރު ކުރި މީހާ ފުލުހުން މިހާރު ދޫކޮށްލާފައިވީ ނަމަވެސް ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑު ކުރަން އެންގި ކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއެކު މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެމީހާ ހައްޔަރު ކޮށްފައިވަނީ، އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗް އަށް ބަދަލު ކުރި ބަލިމީހަކު ގޮވައިގެން އެމީހާ ދިޔުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާގެ އަތުން އެރޭ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.