ދޫނިދޫގައި މަރުވި އަންހެން މީހާގެ އޯޓޮޕްސީ ހެދޭތޯ މަޝްވަރާ ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ދޫނިދޫގައި މަރުވި އަންހެން މީހާގެ އޯޓޮޕްސީ ހެދޭތޯ މަޝްވަރާ ކުރަނީ

ފުލުހުންގެ ތަހުގީގީ ޖަލު ކަމުގައިވާ ދޫނިދޫ ޖަލުގަައި މިއަދު ހަވީރުގެ ވަގުތެއްގައި މަރުވި އަންހެން މީހާގެ މަރުގެ ހަގީގަތް ދެނެގަތުމަށް، އާއިލާއާއި މަޝްވަރާ ކޮށްގެން އޯޓޮޕްސީއެއް ހެދޭތޯ ބަލައި ދިނުމަށް މުއައްސަސާތަކުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

މިކަމާއި ގުޅޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހުރި އުމުރުން 23 އަހަރުގެ އަންހެން މީހާއަކީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެވުނު ވަގުތުން ފެށިގެންނާއި ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގައި އޭނާއަށް ލިބިދޭންޖެހޭ އެންމެހައި ހައްޤުތައް ކަށަވަރު ކޮށްދީ، ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. 

އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުއްދަތުގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާ ފަރުވާ ދީފައިވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. 

"އަންހެންމީހާ ނިޔާވުމާއި ގުޅިގެން ފުލުހުންގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިކަމުގެ މައުލޫމާތު ހިއްސާކޮށް، މިކަން ބަލައިދިނުމަށް ވަނީ އެދިފައެވެ. އަދި މިމައްސަލައާއި ގުޅިގެން ނިޔާވެފައިވާ ފަރާތުގެ އޯޓޮޕްސީ އެއް ހެދުމާއި ގުޅޭގޮތުން އާއިލާއާއި މަޝްވަރާ ކޮށްދިނުމަށް ވެސް ފުލުހުން އެދިފައިވާނެއެވެ." ފުލުހުން މިރޭ ނެރެފައިވާ ބަޔާނުގައިވެއެވެ.

މިއަދު އޮންލައިން