ހައިވޭގައި ޔޫ-ޓަރން ނަގާ ހިސާބުގައި ޖަހާފައި ހުރި ޕާޓިޝަނެއްގައި ޕިކަޕަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު ފަތިހު 4:17 ހާއިރު ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ކަމުގައި ވިޔަސް، ގާތް ގަނޑަކަށް 40 ފޫޓު ހުރި އެފާޓިޝަން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

މިއެކްސިޑެންޓު ވީއިރު އެޕިކަޕު ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސު އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހައިވޭގައި ހިނގި މިއެކްސިޑެންޓުގެ ސަބަބުން، އެވެހިކަލަށާއި މަގުމަތީގައި ޖަހާފައި ހުރި ޑިވައިޑާރ ތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު މިހާރު ބަލަމުން އަންނަ ކަމަށާއި މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.