ލިޔުނީ؛ ޒިދާން މުހައްމަދު
ރ. ރަސްމާދޫ ކައިރިއަށް ހުފިލަނޑާނެގުމަށް ފީނި މީހަކު، ޚަބަރެއް ނުވެގެން ހޯދަންފަށައިފިއެވެ. އެގޮތުން ހޯދަމުންދަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހޯދަން ފަށާފައިވަނީ ފީނަން ފޭބިތާ ދެ ގަޑިއިރު ފަހުން ކަމަށް މައުލޫމާތުލިބެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިކަން ރ. ދުވާފަރުގައި ހުންނަ ފުލުހުންގެ އިދާރާއަށް މިއަދު ހެނދުނު 10:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި 10:30 ގައި މި މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެމީހާ ހޯދުމަށް ފުލުހުންނާ އެމްއެންޑިއެފް ކޯސްޓުގާޑުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް، އެމީހާ އަދި ވަނީ ފެންނަ ގޮތް ނުވެފައެވެ.
މި ކަމާ ގުޅޭ އިތުރު އަޕްޑޭޓުތައް ލިބެމުންދާ ވަރަކަށް މީޑިޔާއާ ހިއްސާކުރަމުންދާނެ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.