ލިޔުނީ: ޒިދާން މުހައްމަދު
ވަޒީފާއާބެހޭ ޓްރިބިއުނަލްގެ ރީކްރިއޭޝަން ކްލަބުން، ރީޗް ކޮމިއުނިޓީގެ އެހީތެރިކަމާއެކު ޔަމަންގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވުމަށް ހާއްސަ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު ހުޅުމާލޭގައެވެ. ހުޅުމާލޭ މެއިން މައި ބަސްހުއްޓި ކައިރި ކުރިއަށް ދިޔަ މި ހަރަކާތުގައި، ހެދިކާ ވިއްކުމުގެ އިތުރުން، ފޭސްޕެއިންޓިން އަދި ހީނާ އަޅައި ދިނުން ކުރިއަށް ދިޔައެވެ. މި އެކްޓިވިޓީތަކުން ލިބުނު ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޔަމަންގައި ހާލުގައިޖެހިފައިވާ މީހުނަށެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ތެރޭން މއަދުނޫހަށް މައުލޫމާތު ދެމުން، ރީކްރިއޭޝަން ކުލަބްގެ ރައީސާ ހަބީބާ ސައީދު ވިދާޅުވީ، ގ. ފަތުރުވެހި އަދި ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރިސެޕްޝަންގައި ޔަމަނަށް އެހީވުމަށް ފަންޑުފޮށި ބެހެއްޓިފައިވާ ކަމަށެވެ. އަދި މިމަހުގެ 25އާ ހަމައަށް މި ފަންޑުފޮށިތަކަށް ފައިސާ ހަދިޔާކުރެވޭނެ ކަމަށް ވެސް ހަބީބާ ފާހަގަކުރެއްވިއެވެ.
ރީޗް ކޮމިއުނިޓީގެ އެހީތެރިކަމާއެކު ޔަމަނަށް އެހީވުމަށް އެހެން ފަރާތްތަކުން މީގެ ކުރިން ވެސް ހުޅުމާލޭގައި ފަންޑްރައިޒިންގް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.