ޗާންދަނީ މަގު "ރެޑް ބީ" ފިހާރަ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް އިން ގެއެއްގެ ފާރުން ބައެއް، މީހެއްގެ ގަޔަށް ވެއްޓި އެމީހާއަށް އަނިޔާ ވެއްޖެއެވެ.
މިހާދިސާ އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ، އެމީހާގެ ގަޔަށް ފާރުން ބައެއް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:00 ގައި ކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފާރުން ބައެއް ވެއްޓިގެން އަނިޔާވި ފިރިހެން މީހާ "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ގައިގާ ފާރުން ބައެއް ވެއްޓި އައިސް ޖެހިފައިވަނީ، އެގޭ ކަންމަތީ ހުރި ސައިކަލެއް މަތީގައި އޭނާ އިށީންދެގެން އިންދާ ކަމަށެވެ.
އެހާދިސާގެ ސަބަބުން ކަނާތައް ހާނީއްކަވެ، ފަހާފައި ހުރި ކަމަށާއި ބަނޑުން ވެސް ތަންގަނޑެއް މަށައިގެން ގޮސްފައި ހުރިކަމަށާއި، ފާރުން ބައެއް ވެއްޓި ޖެހުމުން ބޮލަށް އެނބުރުން އަރާފައި އިން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބޭބެއާއި އެކު ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ވެއްޓުނު ފާރަކީ އެގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި އިން ފާރު ކޮޅެކެވެ. ފުލުހުން މިހާރު ވަނީ އެފާރުގައި ބާކީ އިން ބައި ވެސް ނަގާފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.