ލާދީނީ ފިކުރަށް ތާއީދުކުރާ ކަމަށް ރައްޔިތުން ތުހުމަތުކޮށް މަޤާމުން ދުރުކުރުމަށް ޕެޓިޘަނެއްގައި ސޮއިކުރަން ފެށުމުން ދިއްދޫ ކައުންސިލުގެ ރައީސް ޢަލީ ހާޝިމް ކައުންސިލުގެ ރައީސްކަމުން އިސްތިއުފާ ދީފިއެވެ.
ދިއްދޫ ރައްޔިތުން ސޮއިކުރާ ޕެޓިޝަންގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ޢަލީ ހާޝިމް ދަނީ އިސްލާމް ދީނާއި ކީރިތި ގުރުއާނާއި ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށް ދައްކަމުންދާ ވާހަކަތަކަށް ފާޅުގައި ތާއީދު ކުރަމުންނެވެ.
މީގެ އިތުރުން އެފަދަ މީހުންގެ ދިފާއުގައި ޢަލީ ހާޝިމް ވާހަކަ ދައްކައި އެއީ މޮޅު ބައެއް ކަމަށް ސިފަކުރާ ކަމަށް ވެސް ޕެޓިޝަންގައި ވަނީ ބަޔާންކޮށްފައެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަލީ ހާޝިމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ހުންނެވުމަށް ކަމަށެވެ. "އަޅުގަނޑަކީ ލާދީނީ ފިކުރަށް ތާއީދުކުރާ މީހެއް ނޫން. އަޅުގަނޑު ބުނި އެއްޗެއް ބުނީ ދައްކާ ވާހަކަ ބައެއް ނޫސްތަކުން މާނަ އޮޅުވާލާތީ. އެކަން ރައްޔިތުންނަށް އޮޅުން އަރާނަމަ މާފަށްވެސް އެދުނިން. އަޅުގަނޑު މިހައިތަނަށްވެސް މަސައްކަތް ކުރީ ރައްޔިތުންގެ ވިންދާ އެއްގޮތަށް. އެހެންވެ އަދިވެސް އެ ގޮތުގައި ހުރުމުގެ ބޭނުމުގައި އިސްތިޢްފާ މިދިނީ." ޢަލީ ހާޝިމް ވިދާޅުވިއެވެ.