މާފުށީ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ބިރެއް ނުދައްކަން، ހަމަނުޖެހުމެއް ނުހިންގަން!: ރަޝްފާގެ އާއިލާ

ކިޔުމަށް ހޭދަވާނީ 2މ 21ސ
މާފުށީ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ބިރެއް ނުދައްކަން، ހަމަނުޖެހުމެއް ނުހިންގަން!: ރަޝްފާގެ އާއިލާ

އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޏ. ފުވައްމުލައް/ހޯދަޑު އޯޝަންވިލާ ރަޝްފާ އަޙްމަދު (20އ.) ނިޔާވުމުން، އޭނާ ނިޔާވީ މާފުށީ ސިއްޙީ މަރުކަޒުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން ކަމަށް އެއާއިލާއިން ބުނެ ބިރުދައްކާ ކަމަށް އެމަރުކަޒުގެ ނަރުހުންތަކެއް ބުނަމުން އަންނަ ވާހަކަތައް، ރަޝްފާގެ އާއިލާއިން ދޮގު ކޮށްފިއެވެ. 

ރަޝްފާގެ އާއިލާއިން ފޮނުފައިގެން މާފުށީ ސިއްޙީ މަރުކަޒުގެ ނަރުހުންތަކަކަށް ބިރުދެއްކި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. އަދި ނަރުހުންގެ ދިފާއުގައި އެރަށު އަންހެނުންތަކެއް ވަނީ އިއްޔެ މާފުށީގައި އަޑުއުފުލާފައެވެ. 

މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ރަޝްފާގެ ދައްތަ ރަޒީނާ އަޙުމަދު ބުނީ އެއާއިލާއިން މާފުށީ ސިއްޙީ މަރުކަޒުގެ ނަރުހަކަށް ވެސް އަދި އެއްވެސް މުވައްޒަފަކަށް ވެސް ބިރުދައްކާފައި ނުވާނެ ކަމަށެވެ. ނަމަވެސް ރަޝްފާގެ މަރުގެ މައްސަލަ ބަލަން ބޭނުންވާ ކަމަށާއި އެކަން ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އަބަދުވެސް ބުނަމުން އަންނަ ކަމަށް ރަޒީނާ ބުންޏެވެ.

"އަޅުގަނޑުމެންގެ އާއިލާއިން ބަޔަކު ސިއްޙީ މަރުކަޒަށް ގޮސް ބިރެއް ނުދައްކަން. އަދި ބަޔަކު ނުވެސް ފޮނުވަން. އެކަމަކު އަޅުގަނޑުގެ ފިރިހެން ކޮއްކޮއަކު ބުނި ކުރީ ރެއަކު އެތަނަށް ދިޔައިރު ކައުންޓަރުގައި ތިއްބޭ ދެ މީހަކު ނިދާފަ. އެއީ ދިއްވެއްސަކާއި ބިދޭސީ އެކޭ. ތިން ފަހަރު ގޮވީމައޭ ހޭލީ. ދެން ކޮއްކޮ ބުނީމޭ ބުނި މިއައީ ރަޝްފާގެ މަރަށް އިންސާފު ހޯދާށޭ. އެތަނުގައި ހަމަނުޖެހުމެއް ނުހިންގަމޭ ވެސް ބުނި" ރަޒީނާ ބުންޏެވެ. 

މީގެއިތުރުން ރަޒީނާ ބުނީ ފުލުހުން އަދި އެކަމާއި ގުޅޭ ގޮތުން އެއާއިލާއަށް ނުގުޅާ ކަމަށެވެ. 

މިދިޔަ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ރޭ މާފުށީގައި ނިޔާވި ރަޝްފާގެ މަރުގެ މައްސަލަ ބަލައި ދިނުމަށް އެއާއިލާއިން ވަނީ މިނިސްޓްރީ އޮފް ހެލްތަށް ވެސް ހުށަހަޅާފައެވެ. އެކަން ބަލާނެކަމަށް ބުނެ ހެލްތުން މިދިޔަ ހަފްތާގައި ފޯނު ކުރިކަމަށާއި ނަމަވެސް އެފަރާތުން ދެއްވާ ޖަވާބު ލިޔުމަކުން އާއިލާއަށް ހުށަހެޅުމަށް ރަޝްފާގެ ބައްޕަ ބުނި ކަމަށް ވެސް ރަޒީނާ ބުންޏެވެ.

މީގެއިތުރުން އެއާއިލާއިން މީހަކު ވަނީ، ރަޝްފާގެ މަރާއި ގުޅިގެން މާފުށީ ރައްޔިތަކު އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ގިރުވާނުގައި ހިފާ، ދަމާފައި ގެއަށް ގެންދިޔަ ކަމަށް ބުނެ، މީހަކު ވައިބާގައި ދެއްކި ވާހަކައެއްގެ ސްކްރީންޝޮޓެއް "މިއަދުނޫހާއި" ހިއްސާ ކޮށްފައެވެ. މިމަހުގެ ފަސްވަނަ ދުވަހު ކިޔައިދިން ވާހަކައެއް ކަމުން، ރަޝްފާގެ އާއިލާއިން މައުލޫމާތު ދިން މީހާ ބުނީ "އެހެންވީމަ އެބަ އިނގޭ ނޫންތޯ އަޅުގަނޑުމެން މިވާހަކަ ދެއްކުމުގެ ކުރިން ވެސް އެރަށުން ވެސް ބަޔަކު މިކަމާއި ނުރުހުންވެފަ ތިބިކަން. އެހެންވީމަ މީގައި ނެތެއްނޫންތޯ އަޅުގަނޑުމެންނާއި ގުޅުމެއް" މިފަދައިންނެވެ.

މިއަދު އޮންލައިން