ޖިންނި ޝައިޠާނުންގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވާފައިވީ ނަމަވެސް ޖިންނީގެ އުނދަގޫ މިހާރު ނުފޯރާނެ ކަމަށް ބައެއް ބުނާއިރު މިހާރުވެސް ހާދިސާތައް ދަނީ ހިނގަމުންނެވެ. މިއީ ވެސް މާކުރީގެ ހާދިސާއެއް ނޫނެވެ. ހަމަ ދާދިފަހުގެ ހާދިސާއެކެވެ.
ބަޑި ފޮރުވުން:
ދޮންދައްތަ ބުނާ ގޮތުން ދޮންމަނިކު (ފިރިމީހާ) ގެއަށްވަނީ އެރޭގެ ދަންވަރުއެވެ. އެ ޒަމާނުގައި ކަންތައްތައް ހުންނަ ގޮތުން ގޭގައި ހުންނަ އަގުބޮޑު ހަރު މުދައު ހުންނަ ފޮށި ބަހައްޓާފައި ހުންނާނީ އެތެރެގޭގައެވެ. ދޮންމަނިކު ގެއަށް ވަދެ ފުރަތަމަވެސް ހުޅުވީ ފޮށްޓެވެ. އެއަށްފަހު ފޮށި ލައްޕައި ތަޅުލިއެވެ. އަދި ދޮންދައްތަގެ މަގަތުގައި އޮށޯތުމަށްފަހު އަނގައިން ނުބުނަން ބުންޏެވެ. އެހެންކަމުން މިދަންވަރު ފޮށިހުޅުވައިގެން ކުރީ ކޮންކަމެއްތޯ ސުވާލުކުރުމުގެ ފުރުޞަތެއް ނުލިބުނެވެ.
އިރުކޮޅެއްފަހުން ދޮންމަނިކު އެކަނި އޮވެ ވާހަކަ ދައްކަން ފެށިއެވެ. ބުނަމުން ދިއައީ ނުދޭނެ ކަމަށެވެ. ކޮންމެވެސް މީހަކާއި ޖަދަލުކުރަނީކަން އެނގުނެވެ. އިރުކޮޅަކު ޖަދަލު ކުރުމަށްފަހު ޑީލް ހެދިއެވެ. "ދޭނީ އެންމެ ގޮތެއްގެ މަތިން ކަމަށާއި އެއީ ދުވަހަކުވެސް ޢާއިލާގެ އެއްވެސް މީހަކަށް އަނިޔާއެއް ނުދިނުން" ކަމަށް ބުނުމަށްފަހު ތެދުވެގެން ގޮސް ފޮށިހުޅުވުމަށްފަހު ގެއިން ބޭރަށް ނުކުތެވެ. ދޮންދައްތަ ދެލޯ ތަންމިނަށް ހުޅުވައި ބެލުމުން ވެސް ގެންދިއަ އެއްޗެއް ނުފެނެނެވެ.
އެފަހަރުވެސް އައިސް އެނދުގައި އޮށޯތުމަށްފަހު އެންގީ ވާހަކަ ނުދެއްކުމަށެވެ. އެހެންކަމުން ސުވާލެއް ކުރެވޭނެ ގޮތެއް ނުވެއެވެ. ފަތިސް ނަމާދުން ފައިބައިގެން އައިސް ދޮންދައްތައަށް ކިޔައިދިނެވެ. "ރޭގަ ވީ ކަންތައް ދޮންމަންޖެއަށް އެނގޭހެއްޔެވެ؟ ގެއަސް އައިއރު "ރަށުތެރެ ކަލޭފާނު" ހުރީ މިގޭ އަސްކެނި ދަށުގައި "ބަޑި" ބަހައްޓާފައެވެ. އެހެންވެ އެ ފޮރުވީއެވެ. ދެން ވަރަށް އާދޭސްކުރީމާ ރަނގަޅު ޝަރުޠަކާއިއެކު ބަޑި ދިނީއެވެ.
މިކަމެއް ހިނގި ކަމަށް ބެލެވޭތާ 30، ނުވަތަ 40 އަހަރު ފަހުން ދޮންމަނިކުގެ ޢާއިލާގެ މީހަކު ހަނދުވަރު ވަރަށް ރީތި ރެއަކު ރަށުގެ ގޮނޑުދޮށުގައި ޤަޟާޙާޖަތް ކުރަން އިންދައި ފެންނަނީ ދުރުގައި އިން ކުޑަކުޑަ ރީތި ދޫންޏެކެވެ. އެ ދޫންޏަށް ގޯނާއެއް ކޮށްލުމުގެ ބޭނުމުގައި ގައު ކޮޅެއް އެއްލިއެވެ. ނުދިއައެވެ. ދެވަނަ ގައުކޮޅުވެސް އެއްލިއެވެ. ނުދިއައެވެ. 3 ވަނަ ގައުކޮޅު އެއްލުމުން އުދިހިގެން ހިނގައްޖެއެވެ.
އިރުކޮޅެއް ނުވަނީސް ފަހަތުން މީހަކު އައިސް އޭނާގެ ކަރުގައި ހިފިއެވެ. އަތްތިލަ ބޮޑުކަމުން އެއީ އިންސާނެއް ނޫންކަން އެނގުނެވެ. ދެން އިވުނީ އަޑެކެވެ. "ތަނެއްގައި އިންނަހާ އެއްޗަކަށް ގައު އުކައި އުނދަގޫ ކުރާކަށް ނުޖެހޭނެއެވެ. މަށާ ދޮންމަނިކާއި ދެމެދުގައި އެއްބަސްވުމެއް ވެވިފައި ނެތްނަމަ، ކަލޭ ތިއައީ ދޮންމަނިކުގެ ޢާއިލާގެ މީހެއް ނޫންނަމަ މިރޭ ދާނީ ކަލޭގެ ކަރު ހިފައިގެންނެވެ."
އެހެން ބުނެފައި ކަރުން އަތްދޫކޮށްލީއެވެ. ނަމަވެސް އޭނާގެ ކަރު ހުރީ ކަނާތްފަރާތަށް އެނބުރިފައެވެ. އެކަން ރަނގަޅު ކުރެވުނީ ވަރަށް ގިނަ މަސައްކަތް ކޮށްގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ކުރިމަތިވި މީހާ މިހާ ދުނިޔޭގައި މިހާރުވެސް އެބަހުއްޓެވެ. އަދި ދޮންމަނިކުގެ ދަރިންވެސް ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް މިބާވަތަށް ބަޑި ފޮރުވަން އެނގޭ ދަރިއަކު ހުރިކަން އެނގިފައެއް ނުވެއެވެ.
އަޅުގަނޑުވެސް ނިޞްބަތްވަނީ ހަމަ ދޮންމަނިކުގެ ޢާއިލާއަށެވެ. އެހެންކަމުން ހުރިހާ ކުދިން ކިޔާ "ކާފަ" އާއި ރަށުތެރެ ކަލޭފާނު ހެދި ޑީލުގެ ސަބަބުން އޭނާގެ ކަރު ނުގެންދިއަ ފަދައިން އަޅުގަނޑުގެ ކަރެއްވެސް ނުގެންދާނެ ކަމަށް އުންމީދުކުރަމެވެ. "ކާފަ" އާއި އޭނާ އާއި ގާތްވަރަށް ހަމަ އަޅުގަނޑާއި ވެސް ގާތްވާނެއެވެ.
މި ވާހަކައިން ހާޞިލުކުރަންޖެހޭ މުހިންމު ޢިބްރަތެއް ވެއެވެ. އެއީ ތަނަކުން ދިރޭ އެއްޗެއް ފެނުނު ނަމަވެސް އެމީހަކަށް ގޯނާ ނުކުރާ އެއްޗަކަށް ގޯނާ ނުކުރުމުގެ މުހިންމުކަމެވެ. ދުނިޔޭގައި ޖިންނި ޝައިޠާނުން ލައްވަވާފައިވަނީ ސިފަ ބަދަލުކުރުމުގެ އިޚްތިޔާރު ދެއްވަވައިފައެވެ. ވީމާ ކޮންމެ ސިފައެއްގައިވެސް ތިބެދާނެކަން ޤަބޫލުކުރަންވާނެއެވެ.
ހަމަ އެޢާއިއެކު ގެއިން ބޭރަށް ނުކުމެ އުޅުމަށާއި ގެއަށް ވަންނަމުން ކިޔާ ޛިކްރްތައް ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެވެއެވެ.
މިވާހަަކ މީގެ ކުރިންވެސް މިއަދުނޫހުގައި ވާނީ ޝާއިޢުކޮށްފައެވެ. އަލުން ޝާއިޢުކުރީ މިދުވަސްވަރަކީ ޖިންނި ފެނުން އިތުރުވެގެން އުޅޭ ދުވަސްވަރަކަށްވާތީ ކުރިން މިބުނު 2 ކަންތަކަށް ސަމާލުކަން އިތުރުކުރުވުމުގެ ގޮތުންނެވެ.