ރެޑް އެލަރޓް: ކުޑަ ކުދިންގެ ނެޕީ- ކެންސަރަށް މަގުފަހިކޮށްދީފާނެ ބޮޑު ބިރެއްކަން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރެޑް އެލަރޓް: ކުޑަ ކުދިންގެ ނެޕީ- ކެންސަރަށް މަގުފަހިކޮށްދީފާނެ ބޮޑު ބިރެއްކަން ހާމަވެއްޖެ!

އިންސާނުންގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތައް ލިބޭތީ ބޭނުންކުރުން މަނާކޮށްފައިވާ ބާވަތުގެ ކެމިކަލްތައް ނެޕީ އުފައްދަން ބޭނުންކުރާ ކަމަށާއި އެއިގެ ތެރޭގައި ކެންސަރަށް މަގު ފަހިކޮށްދޭ ކެމިކަލް ވެސް ހިމެނޭ ކަމަށް ފްރާންސުގެ ހޯދުންތަކުން ފެނިއްޖެއެވެ.

ފްރާންސުގެ ހެލްތް މިނިސްޓަރު ވަނީ މި މައްސަލައަކީ މިހާރުން މިހާރަށްވެސް ޙައްލުކުރަން ޖެހޭނެ މައްސަލައެއްކަން ފާހަގަކުރައްވައި މިމައްސަލަ ހައްލުކުރެވޭނެ ގޮތެއް 15 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަނަގަވައިފައެވެ.

ނެޕީން ފެނިފައިވާ ކެމިކަލްތަކުގެ ތެރޭގައި "ގްލިފޮސޭޓް" ހިމެނޭއިރު ޑަބްލިޔޫއެޗްއޯ އިން ވަނީ އެއީ ކެނަސަރަށް މަގުފަހިކޮށްދޭ މާއްދާއެއް ކަމަށް ބަލައިގެންފައެވެ. ނަމަވެސް ބޭނުން ކުރުން އަދި މުޅިން މަނާކޮށްފައެއް ނުވެއެވެ.

ރިޕޯޓް ބުނާ ގޮތުން ނެޕީ އުފެއްދުމަށް 60 ބާވަތެއްގެ ކެމިކަލް ބޭނުންކުރެއެވެ. މީގެ ތެރެއިން ބައެއް ބާވަތް ބޭނުން ކުރުން ޔޫރަޕުގައި ވަނީ މީގެ 15 އަހަރު ކުރިން މަނާކޮށްފައެވެ. ފެނިފައިވާ ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި ދުންފަތުގެ، ސިގިރެޓުގެ ދުމުން ލިބޭ ފަދަ ބޮޑެތި ގެއްލުން ލިބޭ ފަދަ ކެމިކަލްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ރިޕޯޓް ޢާންމުކޮށްފައިވަނީ 2016 އިން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު، ފްރާންސްގައި ވިއްކާ 23 ވައްތަރެއްގެ ނެޕީގެ ށާމްޕަލްތައް ޗެކްކުރުމަށްފަހުގައެވެ. ރާއްޖޭގައި ކޮންމެ ދުވަހަކުހެން ހާހުން ނެޕީ ވިކެމުންދާއިރު މިއީ ސަމާލުވާންޖެހޭނެ ކަމެކެވެ.

ފްރާންސުން މިހޯދުން ހޯދުމަކީ ފްރާންސްގައި ވިއްކާ ނެޕީގައި އެކަނި މިމައްސަލަ ހުރުމެއް ނޫނެވެ. ޤަބޫލުކުރަންޖެހޭނީ ހުރިހާ ނެޕީއެއްގައިވެސް މި މައްސަލަތައް ހުންނާނެކަމެވެ.

މިބޮޑު މައްސަލައަށް ޙައްލެއް ހޯދަން މިހާރުން މިހާރަށް ކުރެވެން އޮތް ކަމަކީ ނެޕީ ބޭނުންކުރުން މަދުކޮށް، މަސައްކަތް ބޮޑުވި ނަމަވެސް ފޮތި ނުވަތަ ޖަނގިޔާ ބޭނުން ކުރުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން