ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި އައްޑޫގެ މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމް އައްޑޫ މަޖެހިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު އިއްޔެ ވިދާޅުވެއްޖެއެވެ. އެކަމަނާ ވިދާޅުވީ، އައްޑޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގައި މި އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން މިނިސްޓަރު ވަނީ އެ ސިޓީގެ މަސްވެރިނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މަސްވެރިންގެ ފަރާތުން އެކަމަނާއަށް ހުށައެޅުނު ލިބުނު އެންމެ ބޮޑު އެއް ޝަކުވާއަކީ މަސް ކިރުވުމަށާއި އައިސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ އެބޭފުލުން ހުށައެޅުއްވި ޝަކުވާއެވެ. މިކަމާ ގުޅިގެން، މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ހައްލުކުރެވޭނެ ކަމަށާއި، އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
މިނިސްޓަރު އިއްޔެ އައްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރެއްވި އިރު، އެކަމަނާ މިއަދުވަނީ އައްޑޫސިޓި ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި، ހއެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.