މާލޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް، ޢަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ ޓީޗަރުންގެ މައްސަލަ ބައްލަވައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައިސޫލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވި ކަމަށް ބެލެނިވެރިން ބުނެފިއެވެ.
ބެލެނިވެރިން ބުނީ ސްކޫލްތައް ފެށި މިއަދާއި ހަމައަށް އައިއިރުވެސް 22 ޓީޗަރުން މަދުވާތީ އަދި އެކަމަށް ޙައްލެއް ޙޯދަން ބެލެނިވެރިން މިހައިތަނަށް ކުރި މަސައްކަތުންވެސް ޙައްލެއް ނުލިބުމުން ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅު ދެކެން ރައީސުލްޖުމްޖޫރިއްޔާގެ އޮފީހަށް ދިއުމުން ބައްދަލު ކުރެއްވީ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ކަމަށެވެ.
"ޢަލީ ޒާހިރު ވިދާޅުވި ރައީސްގެ ވަގުތުކޮޅު ހުރި ގޮތުން ބައްދަލު ނުކުރެއްވުނީ ކަމަށް. އަދި މިމައްސަލަ ކުރިމަތިވެފައިވާކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަދި ލިބިވަޑައިގެންފައި ނުވާކަމަށާއި މައްސަލަ އަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް،"
ބެލެނިވެރިން ބުނީ ސްކޫލްތައް ފެށެންވާއިރަށް ހުރިހާ ސްކޫލެއްގެ ޓީޗަރުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާނުކުރީ ޢަރަބިއްޔާ ސްކޫލް ނުހިމަނައި ކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލަކީވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލަކަށްވާއިރު މިގޮތަށް ކަންތައްތައް ކުރުމުން ހިތާމަކުރާ ކަމަށެވެ.
މިއަދު ދިއަ ބެލެނިވެރިންގެ ފޯން ނަމްބަރުތައްވެސް ޢަލީ ޒާހިރު ނެންގެވި ކަމަށާއި އެހެންކަމުން ބެލެނިވެރިން ތިބީ މައްސަލަ ހައްލުކުރައްވައި މައުލޫމާތު ދެއްވާނެ ކަމުގެ އުންމީދުގައި ކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ.