ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރެއް ކަމުގައިވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން ގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއްކޮށް އެމަނިކުފާނު ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، އެއިރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަހުގެ ފަސްވަނަ ދުވަހުގެ ރެއެވެ. އެމަނިކުފާނު ހައްޔަރު ކޮށްފައިވަނީ ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް އެކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތެރެއަށް ވަދެގެންނެވެ.
އިލްހާމް އާއި ސިނާން ގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤަނޫނާއި ޚިލާފަށް ވައްޓާލުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށް، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެންނެވެ.
މިތިން ބޭފުޅުންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެނެސްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ، މިދިޔަ ހަފްތާގައި ލިޔުމަކުން އަންގާފައެވެ. އަދި އެމައްސަލަތަްއ އަނބުރާ ގެންދެވުމަށްފަހު މައްސަލަތައް ފުލުހުންގެ އިދާރާއަށް ފޮނުވާލާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ލިޔުމަކުން އަންގާފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވަ އަނބުރާ ގެންގޮސްފައިވީ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ައުލަތުން އުފުލި އެހެން ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން، އަބްދުﷲ ސައީދު މިހާރުވެސް ގެންދަވަނީ ތިން އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވި ދެ މައްސަލައިގެ އިސްތިއުނާފު ހުރިހާ މަރުހަލާއެއް ނިމުމާއި ގުޅިގެން އަބްދުﷲ ސައީދަށް ވަނީ އުއްތަމަ ފަނޑިޔާރުކަން ވެސް ގެއްލިފައެވެ.