"ގްރީން ކްލައިމެޓް ފަންޑް" (ޖީ.ސީ.އެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިފިއެވެ.
މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަރަންމަންޓާއި އިންޓަރނޭޝަނަލް ރިނުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކުދި ޖަޒީރާ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓް ނޯޓްތަށް ތަރައްޤީކުރުމާއި އަމިއްލަ ވިޔަފާރިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ބާރުއެޅުމާއި އަދި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްޤީއަށް އެހީތެރިވެދިނުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން 22 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.