ރާއްޖޭގަ މިހާތަނަށް ފަތާ އެންމެ ދިގު ފެތުން އޭދަފުށިން ކެންދޫއަށް ފަތަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރާއްޖޭގަ މިހާތަނަށް ފަތާ އެންމެ ދިގު ފެތުން އޭދަފުށިން ކެންދޫއަށް ފަތަނީ

ރާއްޖޭގައި މިހާތަނަށް ފަތާ އެންމެ ދިގު ފެތުން ބ. އޭދަފުށިން ކެންދޫއަށް ފަތަން ނިންމައިފިއެވެ. ސްވިމް މޯލްޑިވްސް އިން ހިންގާ މިހަރަކާތް ކުރިއަށް ގެންދަން ހަމަ ޖައްސާފައިވަނީ ކޮންމެ ދުވަހަކު 5 ކިލޯމީޓަރަށް ފަތައި ރަށެއްގައި މަޑުކުރާ ގޮތަށެވެ.  

ސްވިމް މޯލްޑިވްސް އިން ބުނީ އެމްޓީސީސީ އިން މާކެޓްކުރާ ސުޒުކީ މަރުކާ އާއި އުރީދޫ އާއި ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތަށް ބ. އަތޮޅުގެ ރިޒޯޓުތަކާއި ރަށްތަކުން އަދި މަދަނީ ޖަމާއަތްތަކުން އެހީތެރިކަން ލިބިފައިވާ ކަމަށެވެ. 

43 ކިލޯ މީޓަރަށް ފަތަން ހަމަޖެހިފައިވާ މިހަރަކާތުގައި މީހުން އުޅޭ ރަށްރަށާއި ރިޒޯޓުތައް ހިމެނޭ ގޮތަށް 23 ރަށެއްގައި މަޑުކުރަން ވަނީ ހަމަޖެހިފައެވެ. މިފެތުމުގައި 8 މީހުން ފަތާނެ އިރު ކޮންމެ ރަށަކުން ފަތަން ފަށާއިރުވެސް އަނެއް ރާށާއި ހަމައަށް ފެތުމަށް އެރަށެއްގެ މީހުން ބައިވެރިވާނެއެވެ. އަދި މަޑުކުރާ ކޮންމެ ރަށެއްގައިވެސް ފެތުމާއި ފަރުތައް ހިމާޔަތް ކުރުމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އަދި މޫދުގައި ރައްކައުތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އުރީދޫން ކުރިއަށް ގެންދާނެއެވެ. 

ސްވިމް މޯލްޑިވްސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޤާނޫނީ ވަކީލް ޙުސައިން ޝަމީމް ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ އާއިވެސް ގުޅިގެން ކަމަށެވެ. މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގެ ޤްދްރަތީ ރީތިކަން އިތުރަށް އިޝްތިހާރުކުރުމާއި މޫދުކުޅިވަރުތަކަށް ދިވެހިންގެ ސަމާލުކަން އިތުރު ކުރުމާއި މޫދުގައި ކުޑަކުދިން މަރުވަމުންދާ މައްސަލައަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މޫދުގެ ސާފުތާހިރުކަން ދަމަހައްޓައި ފަރުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުން ހިމެނޭ ކަމަށެވެ.

 

 

މިއަދު އޮންލައިން