ރާއްޖެއަކީ ހަމަ އެކަނި ހަނީމޫން ހޭދަކުރަން އަންނަ މަންޒިލަކަށް އޮތް އޮތުން ބަދަލުކުރަން ގިނަ ދާއިރާ ތަކަކުން އިޝްތިހާރުކުރަން ބޭނުން: ޢަލީ ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ރާއްޖެއަކީ ހަމަ އެކަނި ހަނީމޫން ހޭދަކުރަން އަންނަ މަންޒިލަކަށް އޮތް އޮތުން ބަދަލުކުރަން ގިނަ ދާއިރާ ތަކަކުން އިޝްތިހާރުކުރަން ބޭނުން: ޢަލީ ވަޙީދު

ރާއްޖެއަކީ ހަމަ އެކަނި ހަނީމޫން ހޭދަކުރަން އަންނަ މަންޒިލެއްގެ މިހައިތަނަށް  އޮތް އޮތުން ބަދަލުކުރުމަށްޓަކައި ގިނަ ދާއިރާ ތަކަކުން އިޝްތިހާރުކުރަން ސަރުކާރުން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު މިއަދު ވިދާޅުވީ ރާއްޖެއަކީ ބައިސްކަލް ދުއްވާ މީހުންނަށް ވެސް ފރުޞަތު އޮތް ޤައުމެއް ކަމަށާއި އަދި ފެތުންތެރިންނަށްވެސް ފުރުޞަތު އޮތް ޤައުމެއް ކަމަށެވެ. "އައްޑޫގައި ތަރައްޤީކުރާ ނޭޗަރ ޕާކަކީ ހަމަ ދިވެހިން ވެސް ގޮސް އެތަން ބަލައިލަން ދުވަހެއް ހޭދަކޮށްލަން ހަމަ ރަނގަޅުތަނެއް. ފުވައް މުލަކުގައިވެސް އެފަދަ ތަންތަން އެބަހުރި. ވީމާ މިތަންތަނާއި ރާއްޖޭގެ ރީތިކަމާއި ޘަޤާފަތް ގުޅުވައިގެން ރާއްޖެ އިޝްތިހާރުކޮށްގެން ކުރއެރުން ހޯދޭނެ. އަދި އެކަންކަމާއިއެކު ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމަކީ މިސަރުކާރުގެ އަމާޒެއް." 

މިއަހަރުތެރޭ ރަނގަޅު ފެންވަރުގެ ބީޗްވޮލީ މުބާރާތެއް ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން އަންނަކަމާއި ރިޒޮޓުތަކުގެ ވޮލީ މުބާރާތާއި ފުޓްސެލް މުބާރާތް މިއަހަރު މުވައްޒިފުންގެ ޢާއިލާތަކަށް ފެންނާނެ ގޮތް ހެދުމަށްޓަކައި މީޑިއާތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ފައިދާ ކުރާނެ ހަރަކާތްތައް ހިންގަން ހުށަހެޅުމުން އެކަމަށް ޓޫރިޒަމް މިނިސްޓްރީން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޭނުންވަނީ ރާއްޖޭގެ ރީތި، ޗާލޫކަން އިތުރަށް ހާމަވާނެ ގޮތަށް ތަފާތު ސަރަހައްދުތަކަށް ޚާއްޞަކޮށްގެން ތަފާތު އައު ޕްރޮޑަކްޓްސްތައް ތަޢާރަފްކޮށްގެން ކަމަށެވެ. 

ޢަލީ ވަޙިދު ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް، އެޑްވެންޗަރ ޓޫރިޒަމް ފަދަ ތަފާތު ރަހަކަތައް ރައްޔިތުންނާއި ގުޅިގެން މިސަރުކާރުގެ ވެރިކަމުގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ކަންކަން ކުރިއަށް ގެންދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކަމަށާއި ސަރުކާރުގެ މެނިފެސްޓޯ އާއި "އެންލައިންކޮށް" ރައްޔިތުން ކުރިއަށް ގެންދަން ބޭނުންވާ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ. "އިއްޔެވެސް ވާނީ ޒުވާނުންތަކެއްގެ އެދުމަށް ކުންފުނިތަކުންނާއި ސަރުކާރުން ނުކުމެ އެއްބާރުލުން ދީގެން، ސްރީލަންކާގައި ބާއްވާ ޕަވަރ ބޯޓް މުބާރާތުގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދީފަ. އުންމީދަކީ މި މުބާރާތް ރާއްޖޭގައި ވެސް ބޭއްވޭނެ ގޮތް ފަހިވުން." ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން