އެނަރޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެނަރޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން އެނަރޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމަށް ޕްރައިސް ވޯޓަރ ހައުސް ކޫޕަރސްއަށް ޙަވާލުކޮށް، ކަމާއިގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.  

އެ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ސޮއި ކުރުމުގެ ރަސްމިއަޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ހަސަން އެވެ. ޕްރައިސް ވޯޓަރ ހައުސް ކޫޕަރސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޕްރަސަންތާ ކުމާރު މިސްރާއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް ދަށްކޮށް، ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު މަދުކުރުމުގެ މަޤްސަދުގައި ތައްޔާރުކުރެވޭ އެނަރޖީ އެފިޝަންސީ ގައިޑްލައިންގެ ސަބަބުން ރާއްޖެގައި ހަދާ އިމާރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި އިމަރާތްތަތަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ.

އެގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އަރކިޓެކްޓުނާއި، ސިވިލް އިންޖިނިއަރުންނާއި، އިމާރާތްތަކުގެ ވެރިންނާއި، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފާރާތްތަކަށް ފަސޭހައިން އެނަރޖީ އެފިޝަންސީ ސިފަތައް ހިމަނައިގެން އިމާރާތްތައް ފަރުމާކުރުމަށް ފަސޭހަވާނެ ކަމަށާއި މީގެ އިތުރުން އެނަރޖީ އެފިޝަންސީ ގައިޑްލައިންގެ ސަބަބުން އެނާރޖީ އެފިޝަންސީއާއި ގުޅުންހުރި ކަންކަމަށް މަލީ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ މިންގަނޑެއް އެކަށައެޅުމަށް އެފަދަ އިދާރާތަކަށް ފަސޭހަވާނެ ކަމަސްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ގައިޑްލައިން ތައްޔާރުކުރުމުގައި ރާއްޖޭގައި މިހާރު ހުރި އިމާރާތްތަކުގެ ސަރވޭއެއް ހަދައި އެ އިމާރާތްތަކުގައި ހަކަތަ ސަމަކާރަ ކުރެވޭ މިންވަރު ދެނެގަނެ، އެފަދަ އިމާރާތްތަކަށް ބައެއްކަހަލަ ބަދަލުގެނެސްގެން އިމާރާތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރެވޭނެ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ.

މި މަސައްކަތަކީ އ.ދގެ ތިމާވެށްޓާ ބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެއެހީގައި ކުރިއަށް ގެންދާ ސްޓްރެންތެނިންގ ލޯކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރުއަށްގެންދާ މަސައްކަތެކެވެ.

 

މިއަދު އޮންލައިން