އިމާރާތްކުރާ ތަންތަނުގެ "ހެލްތް އެންޑް ސޭފްޓީ" ޤަވާއިދު މާދަމާ ގެޒެޓްކުރަންޖެހޭ ކަމަށާއި އެއީ ކޯޓޫ އަމުރެއްގެދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
13 މާއްދާ ހިމެނޭ އިމާރާތްކުރުމުގެ ޤަވާއިދަށް މަޝްވަރާ ކުރަން މިއަދު ފެށި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ދެން ހުރި ޤަވާއިދުތައް ގެޒެޓް ކުރުމުގެ މުއްދަތު އަންނަ މާރިޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޯޓުން ދީފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ މިޤަވާއިދުގައި ހިމެނޭ 13 މާއްދާއަށް މަޝްވަރާކުރަން 6 މަސް ދުވަސް ބޭނުންވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ކޯޓުން ދީފައިވަނީ 31 މާރިޗްގެ ނިޔަލަށް ޤަވާއިދު ގެޒެތްކުރަން ކަމަށްވުމުން އެއީ ތަންފީޒުކުރަންޖެހޭ ކޯޓު އަމުރެއް ކަމަށެވެ. ނަމަވެސް އިތުރު މުއްދަތެއް ދިނުމަށް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ އިދާރީ ޤަވާއިދު ގެޒެޓް ނުކޮށް ހެލްތް އެންޑް ސޭފްޓީ ޤަވާއިދު ގެޒެޓް ކުރުމުން މައްސަލަތަކެއް ކުރިމަތިވެދާނެކަން ބައެއް ފަރާތްތަކުން ފާހަގަކުރާ ކަމަށާއި އެކަން އެގޮތަށް މެދުވެރިވެސް ވެދާނެ ކަމަށެވެ. ނަމަވެސް ހެލްތް އެންޑް ސޭފްޓީ ޤަވާއިދު މާދަމާ ގެޒެޓް ކުރައްވަން ކޮންމެހެންވެސް ޖެހިވަޑައިގަންނަވާ ކަމަށެވެ.