ރާއްޖޭގެ ސްކޫލްތަކަށް ބަލައިލުމުން އެތަންތަނުގައި މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒިފުންގެ މަސައްކަތްތައް ފެނިގެންދެއެވެ. ދެ ސެޝަނަށް ކިޔަވައިދޭއިރުވެސް ސްކޫލްގެ ސާފުތާހިރުކަން ބަލަހައްޓަން ކުރާ މަސައްކަތްތައް ފެނި ތަޢްރީފް ޙައްޤުކަމަށް ބުނަން ޖެހެއެވެ.
މީގެ އިތުރުންވެސް ކޮންމެ ސްކޫލަކީވެސް އިތުރު އެތައް ހަރަކާތްތަކެއް ހިންގާ ތަނެކެވެ. މިއިން ކޮންމެ ހަރަކާތަކާއި ގުޅިގެންވެސް މަސައްކަތު މީހުންނަށް އިތުރު މަސައްކަތްތަކެއް ޖެހެއެވެ. އަދި އެމީހުންނަކީ ވަރަށް ގިނަ ވަގުތު ތަކެއްގައި ސްކޫލްތަކުގައި، މަސައްކަތުގައި އުޅެންޖެހޭ ބައެކެވެ.
އެކަންކަމުގެ އިތުރުން މަސައްކަތު މީހުންގެ ވަޒީފާ އަދާކުރާ މީހުންނަކީ ދަރިވަރުންނަށް ބޭނުންވާ ކަންކަމުގައިވެސް އެހީތެރިވެދެމުން އަންނަ ބައެކެވެ. އަދި މިޚިދުމަތުގައި ތިބި ގިނަ މީހުންނަކީ ވަރަށް ހިތްހެޔޮ، ކިޔަމަންތެރި އަދި އަމިއްލަ ދަރިން ފަދައިން ދަރިވަރުންނާއިވެސް އަޅައިލާ ބައެއްކަން ވެސް ފާހަގަކުރެވެއެވެ.
މުސާރައަށް މިދިއަ އަހަރު ގެނެވުނު ބަދަލާއިއެކުވެސް ލިބެނީ ޖުމުލަ 5000 ވަރަކަށް ރުފިޔާއެވެ. މިއީ ރާއްޖޭގައި ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރާ ބަންގާޅު މީހުންނަށް ކުރާ ޚަރަދަށްވުރެ ވެސް ކުޑަ އުޖޫރައެވެ. އެހެންކަމުން ސްކޫލްތަކުގައި މަސައްކަތު މީހުންގެ ވަޒީފާ އަދާކުރާ މުވައްޒިފުންނަށް ދެވޭ މުސާރައަކީ ހަމަ ހައްޤު މިންވަރު ކަމާއިމެދު ވަޒީފާ އަދާކުރާ ގިނަ ބައަކު ސުވާލުކުރެއެވެ.
މިއަދުނޫސް ކިޔާ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ މި މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ދިނުމަށް އެދިފައެވެ. އެއިގެ ތެރޭގައި މާލޭގައި ހިންގާ ހުރިހާ ސްކޫލްތަކެއްގެ ބެލެނިވެރިން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.