ލިޔުނީ: ޒިދާން މުހައްމަދު
މިހާރު ކަނޑު ހުރަސްކޮށް އަދި ބުރިޖު ހުރަސްކޮށް ވެސް، މާލެ ދާން ނުޖެހޭނެ ކަމަށް މައިކޮލެޖުން ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އެ ކޮލެޖުން ބޭއްވި ހަރަކާތެއްގައި، މިހެން ބުނެފައިވަނީ މައިކޮލެޖު ހުޅުމާލެ ކެންޕަސްގެ ސްޓޫޑެންޓް އެސޯސިއޭޝަންގައި މިވަގުތު، އިވެންޓް ކޯޑިނޭޓަރަކަށް ހުރި، ނޫމާ ނައީމެވެ.
ނޫމާ ބުނީ، "މިހާރު ކަނޑު ހުރަސްކޮށް އަދި ބުރިޖު ހުރަސްކޮށް މާލެ ދިޔުމުގެ ބަދަލުގައި ހުޅުމާލޭގައި ތިބެގެން، ފަސޭހަ ކަމާއެކު މަތީ ތައުލީމް ހާސިލް ކުރެވޭނެ" ކަމަށެވެ. އަދި، މިއަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތައް މައިކޮލެޖު ހުޅުމާލޭ ކެންޕަސްގައި މިހާރުވެސް ކުރިއަށް ދާކަމަށާއި، މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް އެބަ އޮތް ކަމަށް އޭނާ ބުނެއެވެ.
މައިކޮލެޖުގެ ހުޅުމާލޭ ކެންޕަސްގެ ސްޓޫޑެންޓް އެސޯސިއޭޝަނާއި ކޮލެޖު މާކެޓިން ޓިމުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މަކޭޓިން އިވެންޓުގައި ވަނީ އުފާވެރި ހަބަރެއް ވެސް ދީފައެވެ. އެގޮތުން، މިއަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން، އެ ކޮލެޖުގެ ކޯސްތަކައް ގުޅޭ ކުދިންނަށް 25 ޕަސެންޓް ޑިސްކައުންޓް ކޯސް ފީން އުނިކުރެވޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
2016ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށް ދިނުމުގެ މަސައްކަތް މައިކޮލެޖުން ވަނީ ފަށާފައެވެ. އެގޮތުން، މިއަހަރާ ހަމައަށް ހުޅުމާލޭގައި ހުރި ހަމަ އެކަނި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒަކީ މައިކޮލެޖު ހުޅުމާލޭ ކެމްޕަސްއެވެ. ރަބަރުގަސް މަގު 6 ވަނަ ގޯޅިގައި ހުންނަ، މައި ކޮލެޖު ހުޅުމާލޭ ކެންޕަސްގެ ސަބަބުން، ހުޅުމާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިހާރުވެސް މައިކޮލެޖު ހުޅުމާލޭ ކެންޕަސްގައި 200 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދާކަން ފާހަގަކޮށްލަމެވެ.