އެންމާބަނޑު ދެ ކުދިންނަށް ބަލިވެއިންދާ މިދިޔަ ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހު މަރުވި ޏ. ފުވައްމުލައް/ހޯދަޑު އޯޝަންވިލާ ރަޝްފާ އަޙުމަދު، މަރުވިއިރު އޭނާގެ ބަނޑުގައި އޮތް ދެ ކުދިން ސަލާމަތް ކުރަން މާފުށީ ހެލްތު ސެންޓަރުން މަސައްކަތް ކުރި ކަމަށް ހެލްތު މިނިސްޓްރީ އިން އަންގައިފިއެވެ.
ރަޝްފާގެ އާއިލާއަށް ހެލްތު މިނިސްޓްރީން މިކަން އަންގާފައިވަނީ އޭނާގެ މަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރަޝްފާގެ ބައްޕަ އަހުމަދު މުޙައްމަދު އެމިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައެވެ.
އެގޮތުން ހެލްތު މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ، މާފުށީ ސިއްޙީ ސެންޓަރަށް ރަޝްފާ ގެންދިޔުމުން އެތަނުން އަމަލު ކޮށްފައިވަނީ އެފަދަ ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށާއި ރަޝްފާގެ ބަނޑުގައި އޮތް ދެ ކުދިން ސަލާމަތް ކުރުމުގެ ގޮތުން އައިޖީއެމްއެޗް ގެ ގައިނެކޮލޮޖިސްޓެއްގެ ލަފަޔާއެކު އެމަރުކަޒުން މަސައްކަތް ކުރިކަމަށެވެ.
މާފުށީ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ރަޝްފާ އޮތީ މަރުވެފައި ކަމެއް ނުވުތަ މަރުވީ އެސެންޓަރުން ފަރުވާ ދެމުން ދަނިކޮށް ކަމެއް ހެލްތު މިނިސްޓްރީން ފޮނުވި ސިޓީގައި ބަޔާން ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމަރުކަޒަށް ރަޗްފާ ގެންދިޔައިރު އޭނާގެ އަނގައާއި ނޭފަތުގައި ދަވަ ހެދިފައިވާ ކަމަށާއި ސިއްޙީ މަރުކަޒުގެ މުވައްޒަފުން އެދަވަތައް ސާފު ކުރި ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި ރަޝްފާއަށް އޮކްސިޖަން ދޭން ވެސް މަސައްކަތް ކުރި ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ސޮއި ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
ރަޝްފާއަސް ލިބެން ޖެހޭ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށް ބެލެވޭކަން ވެސް ހެލްތުން ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. އެކަމަކު އެއި ރަޝްފާ އާއި އޭނާގެ ފިރިމީހާ ސަމާލުކަން ދޭން ޖެހޭ ކަންކަން ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އެގޮތުން އެއް މާބަނޑު ދެ ކުދިންނަށް ބަލިވެ އިންނަ މީހުންނަކީ ހައި ރިސްކު މީހުންނަށް ވާއިރު، ރަޝްފާގެ ފައި އާދަޔާ ޚިލާފަށް ދުޅަވެގެން ޑިސެމްބަރ މަހުގެ 25 ގައި ހަދަން ދިން ޓެސްޓު ހަދާފައި ނުވާ ކަމަށާއި މާބަނޑު ދުވަސްވަރު ގަވާއިދުން ޑޮކްޓަރަށް ދައްކާ ދެއްކުމުގައި ހަދާ ޓެސްޓުތައް އެންމެ ފަހުން ހަދާފައިވަނީ ރަޝްފާ މަރުވުމުގެ ދެ މަސް ކުރިން ކަން ވެސް އެސިޓީގައި ފާހަގަ ކޮށްފައިވެއެވެ.