ޒީރޯ ޕްލާސްޓިކް ރަން ބާއްވައިފި.

ކިޔުމަށް ހޭދަވާނީ 1މ 45ސ
ޒީރޯ ޕްލާސްޓިކް ރަން ބާއްވައިފި.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ބޭއްވި "ޒީރޯ ޕްލާސްޓިކް ރަން" މިއަދު ހެނދުނު ހުޅުމާލޭގައި ބާއްވައިފިއެވެ.

މިދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއާއި ޑިފެންސް މިނިސްޓަރ މާރިޔާ އިބްރާހިމް ދީދީ އާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެފައެވެ. އަދި ގިނަ ޢަދަދެއްގެ ޢާންމުންވެސް ވަނީ ދުވެފައެވެ.

އައި.ސީ.އެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި މި ދުވުމަކީ 5 ކިލޯ މީޓަރުގެ ރާސްތާއަކަށް ބޭއްވި  ދުވުމެކެވެ. މި ދުވުން ނިމުމުން ބައިވެރިވާ ހުރިހާ ފަރާތްތަކަށް އިކޯ ފްރެންޑްލީ މެޑަލް އެއްވެސް ވަނީ ދީފައެވެ. 

މިއަދުގެ ދުވުން ކުރިއަށް ދިޔަ އިރު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކަލެކްޓު ކުރުމަށް ޚާއްޞަ ޕޮއިންޓުތަކެއް ޤާއިމްކޮށްފައިވާ އިރު، މަގުމަތިން ފެންނަ ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް ނަގައި، މި ޕޮއިންޓުތަކަށް ވަނީ ގެންގޮސްފައެވެ.

މި ދުވުން ނިންމާލުމަށްފަހު ބައިވެރިން ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ކުރާ ހުވައެއް ކޮށްފައިވާ އިރު، އައިސީއެސް އިން ބުނީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓުވެންދެން މި ދުވުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އައިސީއެސް މޯލްޑިވްސް އަކީ ރާއްޖޭހައި ހިންގަމުން އަންނަ ކޮންސަލްޓެންސީ ކުންފުންޏެކެވެ. މީގެ ކުރިން އައިސީއެސް އިން ވަނީ "ކްލީނިންގ ކުއެސްޓު"ގެ ނަމުގައި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުތައްވެސް ކުރިއަށް ގެންގޮސްފައެވެ.

 

މިއަދު އޮންލައިން