ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން ދީނީ ޢިލްމުވެރިން ކުރައްވާ ކަންކަމަށް ވީހައި ލުއިފަސޭހަ މަގުތައް އިސްލާމިކް މިނިސްޓްރީން ފަހިކޮށްދޭނެ ކަމަށާއި އެކަންކަން ފުރިހަމަ ކުރެވެންދެން މިހާރު ހުރި ޤަވާއިދުތަކަށް އިޙްތިރާމްކޮށްދެއްވުމަށް ޢިލްމްވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ކަންކަން ލުއިކޮށްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހު ދަރުސް އެއް ދޭނަމަ ހޯމަ ދުވަހުގެ 12.00 ގެ ކުރިން ލިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް ކުރިން އަމަލުކުރަމުން އައި އުޞޫލުވެސް އުވާލައި ކޮންމެ ދުވަހަކު ނަމަވެސް ހުއްދައަށް އެދިއްޖެނަމަ ހުއްދަ ދޫކުރައްވަމުން ގެންދަވާ ކަމަށެވެ.
"ބަނދު ދުވަހަކު ގުޅާލާފައި އެދުނު ނަމަވެސް ހުއްދަ ދޫކުރަމުން މިގެންދަނީ. ނޫނީ މެސެޖެއް ކޮށް ލެއްވިނަމަވެސް ހުއްދަ އެބަދެން. ޤާނޫނުގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް އެބަ ލާޒިމުކުރޭ މިކަންކަން މޮނިޓަރކުރަން. އެހެންވީމާ މޮނިޓަރ ކުރެވޭނެ ނިޒާމަކުން ނޫނީ ކުރިއަށް ގެންދަން ދޫކޮށްލެވޭކަށް ނެތް."
ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ޢިލްމްވެރިންނާއިއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމުގައިވެސް މިކަންކަން ވާނީ ފާހަގަކުރައްވާފައި ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ ބަންދަށްފަހު ޔުނިވަރސިޓީތައް ހުޅުވުނީމާ 2 ވަނަ ބައްދަލުވުން ބާއްވާނަން. ޢިލްމުވެރިންނާއި މަޗްވަރާކޮށްގެން ވީހައި ލުއި ފަސޭހަ ގޮތްތަކެއް ހަމަ ޖައްސައިދޭން އިސްލާމިކް މިނިސްޓްރީން ބޭނުންވަނީ. އެކަމަށް މަސައްކަތް ކުރަމުން މިގެންދަނީ. ނަމަވެސް ޒަމާނުންސުރެ އަމަލުކުރަމުން އައިސްފައިވާ އުޞޫލުތައް ބަދަލުކުރެވެންދެން މިހާރު ހުރި އުޞޫލުތަކަށް އަމަލުކޮށް ދެއްވުމަށް މިއެދެނީ. ޤާނޫނުން މި މިނިސްޓްރީއަށް ލާޒިމުކުރާ މިންވަރު ތަންފީޒު ކުރެވޭނެ ގޮތަކަށް ކަންތައްތައް ކޮށްދިނުމަށް މިއެދެނީ."
ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ދީނީ ޢިލްމުވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންފުޅު ކަމަށެވެ. އަދި ޢިލްމުވެރިން ކޮށްދެއްވާ ކަންކަމަށް މަގުފަހިކޮށް ދެއްވައި އެހީތެރިވެދެއްވާނެ ކަމަށާއި ހަމައެކަނި ބޭނުންފުޅު ވަނީ ޤާނޫނުން ލާޒިމުކުރާ މިންވަރަށް ޢިލްމްވެރިން އެއްބާރުލެއްވުން ދެއްވުން ކަމަށެވެ.
ސަލަފުން ރޭ ބާއްވަން މަސައްކަތް ކުރި ޕްރޮގްރާމް ކެންސަލް ކުރި މައްސަލައިގައި ކަންބޮޑުވުން ފައުޅު ކުރައްވައި ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ހުއްދައަށް ނުއެދި ޕޮރޮގްރާމް ކުރިއަށް ގެންދަން އުޅޭކަން މިނިސްޓްރީއަށް އެނގުމުން މިނިސްޓްރީން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އަމިއްލައަށް ސަލަފާއި ގުޅައި ހުއްދައަށް އެދެން ދެންނެވި ކަމަށެވެ. "ސަލަފުން ހާމަކޮށްފައިވާ ސިޓީ އަކީ ރޭ ބާއްވަން އުޅުނު ދަރުސާ އެއްވެސް ގުޅުމެއް ހުރި ސިޓީއެއް ނޫން. އެއީ މާކުރީގެ ސިޓީއެއް. ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު ހެދިއިރު ވެސް 3 ފަރާތަކުން ގެންދެވީ ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަވަމުން. އެ 3 ޕަރޮގްރާމް އިތުރު ހުއްދައަކާއި ނުލައި ކުރިއަށް ގެންދަން ހުއްދަ ދިނީ 3 ފަރާތަށްވެސް. އެއީ މިހާރު ސަލަފުން ކުރިއަށް އެގެންދާ ޕަރޮގްރާމާއި ގުޅުން ހުރި ސިޓީއެއް ނޫން." ޑރ. އަހްމަދު ޡާހިރު ވިދާޅުވިއެވެ.
ޑރ. އަހަމަދު ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު ޖަމިއްޔަތުލް އިސްލާމް އާއި މިއަދުނޫހާއި ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ވިޔަފާރިވެރިންގެ މިސްކިތުގައި ކުރިއަށް ގެންދާ ދަރުސްގެ ހުއްދައަށް އެދޭ ލިޔުންތައް ހިފައިގެން ދިއަ މީހާއަށް ހޯމަ ދުވަހުގެ މެންދުރު ބަރާބަރު 12.00 އަށް އިސްލާމިކް މިސްޓްރީގެ ކައުންޓަރަށް ނުދެވުމުން ހުކުރު ދުވަހުގެ ދަރުސް ބޭއްވުމުގެ ހުއްދަ ނުލިބިގެން ދަރުސް ކެންސަލް ކުރަން 2018 ވަނަ އަހަރުވެސް ޖެހިފައި އެބަހުއްޓެވެ.