މުއްސަނދިކަންވެސް ނިކަމެތިކަންވެސް ދެއްވަވަނީ ﷲ! ދަހިވެތިވެ ހަސަދަވެރިވުމަކީ މުސްލިމުންގެ ސިފައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
މުއްސަނދިކަންވެސް ނިކަމެތިކަންވެސް ދެއްވަވަނީ ﷲ! ދަހިވެތިވެ ހަސަދަވެރިވުމަކީ މުސްލިމުންގެ ސިފައެއް ނޫން!

މުއްސަނދިކަންވެސް ނިކަމެތިކަންވެސް ދެއްވަވަނީ ﷲ ތަޢާލާ އެވެ.! އެކަލާނގެ އިރާދަ ކުރައްވައިފި އަޅަކަށް ތަނަވަސްކަން ވެސް އަދި މަތިވެރި މަޤާމުތައްވެސް ދެއްވަވައެވެ. އަދި އަނބުރައި ގެންދަވަން އިރާދަ ކުރައްވަވައިފިނަމަ އެނެމެ ހިނދުކޮޅަކަށް ނަމަވެސް ހިފެހެއްޓުމުގެ ބާރު ލިބިގެންވާ އެއްވެސް މީހަކު ނުހުންނާނެއެވެ. އަދި ބައަކުވެސް ނުތިބޭނެއެވެ. ހަމަ އެފަދައިން ﷲ ދެއްވަވާ ނިޢްމަތަކަށް ހުރަސް އެޅޭނެ މީހަކުވެސް ނުހުންނާނެއެވެ! ނަމަވެސް އެކަން ޤަބޫލުކުރެވޭނީ ﷲ ތަޢާލާއަށް އީމާންވާ މީހުންނަށެވެ. 

އެއްވެސް އިންސާނަކަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢްމަތަކަށް ދަހިވެތިވެ ހަސަދަވެރިވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ! ކިތަންމެ ވަރަކަށް ހަސަދަވެރިވެ ދަހިވެތިވި ނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރެކެވެ. އިތުރަކަށް ހަމަ އެންމެ ލާރިއެއްވެސް އަދި މަޤާމެއްވެސް ނުލިބޭނެއެވެ. މިކަންކަން ވެސް އެނގޭނީ ހަމަ ﷲ ތަޢާލާއަށް އީމާންވާ މީހުންނަށެވެ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމަކީ ކޮބައިކަންވެސް އެނގޭ މީހުންނަށެވެ. 

ދުނިޔޭގެ ޤައުމުތަކުގައި ވެރިކަން ކުރަނީ އެ ޤައުމުތަކުގައި އެންމެ މޮޅަށް ކިޔަވައިގެން ތިބި މީހުން ހެއްޔެވެ؟ ދުނިޔޭގެ އެންމެ ބާރުގަދަ ވެރިކަމުގައި ހުރި އެމެރިކާގެ ރައީސް ޓަރަމްޕުގެ ތައުލީމީ ފެންވަރަކީ ކޮބައިހެއްޔެވެ؟ މުސްލިމުންގެ އެންމެ އިސް އަމީރު ސަލްމާން ރަސްގެފާނުގެ ތައުލީމީ ފެންވަރަކީ ކޮބައިހެއްޔެވެ؟ 

ރާއްޖޭގެ ވެރިކަން ކުރައްވައި އިސް މަޤާމުތައް އަދާކުރެއްވީ ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިން ހެއްޔެވެ؟ ނޫނީ އެންމެ ބޮޑެތި މަހުޖަނުން ހެއްޔެވެ؟ ފާއިތުވި 40 އަހަރު ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޑޮކްޓަރަކީ ޑރ. މުޙައްމަދު ވަޙީދު ޙަސަން ނޫންހެއްޔެވެ؟ އަދި އެންމެ ކުރު މުއްދަތުގައި ވެރިކަން ކުރެއްވީ އެމަނިކުފާނު ނޫން ހެއްޔެވެ؟ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންފައިވާ ރައީސް މުޙައްމަދު ނަޝީދަކީ ޤައުމުގައި ހުންނެވި އެންމެ ބޮޑު ޢިލްމުވެރިޔާ ހެއްޔެވެ؟ ނޫނީ އެންމެ ބޮޑު މަހުޖަނު ހެއްޔެވެ؟ 

އަމިއްލަ އަށް މަޝްހޫރުކަން އިތުރުކުރަން އެކި މީހުން ކުރާނީ އެކި ކަންކަމެވެ. މުރުތައްދު ވާހަކަތައް ފެތުރަން މަސައްކަތް ކުރުމުން ނޫސްތަކުގައި އެވާހަކަތައް ލިޔާތީ އެކަމުން މަޝްހޫރުވާތީ އެގޮތުން މަޝްހޫރުކަން ހޯދަން މަސައްކަތް ކުރާ މީހުންވެސް ތިބޭނެއެވެ. އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެކެވެ. 

މިސަރުކާރުގެ ވަޒީރުންނަށް ބަލައިފިނަމަ ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާ އަދި އެހުންނެވީ ހަމަ އެންމެ ކުރީ ސަފުގައެވެ. އެކަމަނާއަށް ފަރުދީ ގޮތުން ތާއީދު ނުކުރާ ގިނަ ބައަކު ވެސް މިއަދު ވަނީ އެކަމަނާގެ ޚިދުމަތްތައް ބަލައިގެންފައެވެ. މަލާމާތުގެ ބަސްތައް ކުރިއަށްލާފައި ނަމަވެސް އެގެންދަނީ އެކަމަނާގެ ޚިދުމަތްތަކަށް ތައުރީފް ކުރަމުންނެވެ!

އާނިޔާއަށް ދުނިޔޭގެ އެންމެ އަގުބޮޑު ސްޕޯޓްސް ކާރަކާއި ފައިސާވެރި މަހުޖަނު ފިރިއެއް ދެއްވެވުމަށް އެދި ދުޢާކުރަމުއެވެ! ދެރަނުވާށެވެ! މިނިސްޓަރުކަން އާނިޔާއަށް ވެސް ހަމަ ލިބިދާނެއެވެ. ހިތްވަރު ތިއަ އެލުވައިލަނީ މާއަވަހަށް ވިއްޔާއެވެ!

މިއަދު އޮންލައިން