ގައިން ގައަށް ނާރާ ބަލިތައް ދުނިޔޭގައި ފެތުރުން މިވަނީ އިތުރުވެފައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކެއިން ބުއިމަށް އައިސްފައިވާ މި ބޮޑު ބަދަލުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މުޞީބާތް ރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައެވެ. އެއީ އެކަން ހަމަ މެދުވެރިވާނެ ގޮތެވެ.
މި މުޞީބާތުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސްކްރީން ކުރުން އިތުރު ކުރުމާއި ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. އެކަންކަމަށް ވަރަށް ގިނަ ޤައުމުތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އެކި ޤައުމުތަކުގައި އެކި ފެންވަރުގައެވެ.
މިކަމުގައި ނަމޫނާ މަސައްކަތްތަކެއް ކުރާ އެއް ޤައުމަކީ ޔޫއޭއީއެވެ. ޔޫއޭއީގައި މީހުން އެންމެ ގިނައިން ބާޒާރުކުރާ ބަނދު ދުވަސްތަކުގައި ސްޕަރމާކެޓްތައް ހުންނަ ތަންތަނަށް، އާލާތްތައް ހިފައިގެން ގޮސް ތިބެ ދަނީ ހިލޭ ސްކްރީންކޮށްދެމުންނެވެ. އެފަދަ ނިޒާމެއްގެ ތެރެއިން މިއަދު ކުރެވެން ހުރި ހަމައެކަނި ޓެސްޓަކީ ހަކުރުގެ މިންވަރު ބަލަން ކުރާ ސްޓްރިޕް ޓެސްޓް އެކަންޏެއް ނޫނެވެ. އެންމެ ބޮޑަށް ޢާންމުވަމުން އަންނަ އަންހެނުންގެ އުރަމަތީ ކެންސަރަށްވެސް ހަމަ މޯޞައިލް ސިސްޓަމެއްގެ ތެރެއިން ޓެސްޓްކުރެވެއެވެ. މިފަދަ ކިތަންމެ ޓެސްޓްތަކެކެވެ.
ޔޫއޭއީގައި މިފަދަ ޓެސްޓްތައް ކުރަން ފުރަތަމަ ފަށައިގަތީ ސަރުކާރުގެ އެހީތެރިކަމާއި ވެސް އެކު އަމިއްލަ ޖަމާއަތްތަކުންނެވެ. ބައެއް ވިޔަފާރި ކުންފުނިތަކުގެ ވެސް އެހީތެރިކަމާއިއެކުގައެވެ. ނަތީޖާއަކަށް ވީ އެފަދަ ޓެސްޓްތައް ހަދައިދޭ ސަރަހައްދުތަކުގެ ނުވަތަ ޝޮޕިންގ ކޮމްޕްލެކްސްތަކުގެ ވިޔަފާރި ރަނގަޅުވުމެވެ. ބާޒާރުކޮށްލަން ދާއިރު ހިލޭ ޓެސްޓްވެސް ކޮށްލެވޭ ތަންތަނަށް ކަސްޓަމަރުން އިތުރުވުމެވެ. އެކަމުގެ ނަތީޖާއަކަށްވީ އެ ފިހާރަތަކުން ސްޕޮންސަރކޮށްގެން އެފަދަ ހަރަކާތްތައް މިހާރު ހިންގަމުން ގެންދިއުމެވެ.
ހަމައެކަނި ޕޯސްޓަރަކާއިއެކު ރީތި ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި އިޝްތިހާރުވުމަކުން ނުފުދެއެވެ. ޢާންމު ފަރުދުން އެފަދަ ކަންކަން ކުރިނަމަވެސް ތަންފީޒީ ބާރު ލިބިފައިވާ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ޕޯސްޓަރުގެ ޙަރަކާތްތައް އެކަނި ހިންގުން ހުއްޓާލައި މަޤްޞަދު ޙާޞިލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
އެއްވެސް ޝައްކެއް ނެތޮ ގޮތުގައި ދުންފަތަކީ ހުރިހާ ގޮތަކުން ވެސް ޞިއްޙަތަށް ގެއްލުން ހުރި އެއްޗެކެވެ. ނަމަވެސް ސުވާލަކީ ކެންސަރަށް މަގުފަހިކޮށްދެނީ ހަަމއެކަނި ދުންފަތްތޯއެވެ؟ ދާދިފަހުން އައިޖީއެމްއެޗްގައި ބޭއްވި ބައްދަލުވުމެއްގައި ސޮސޭޖާއި ޗިޕްސް ފަދަ އެތައް ބާވަތްތަކަކުން ކެންސަރާއި ހިތުގެ ބޮޑެތި ބަލިތައް ޖެހެން މަގުފަހިވާކަމުގެ ވާހަކަ ދެއްކިއެވެ. ވީއިރު ޑިޔުޓީ ބޮޑުކުރަންޖެހޭނީ ހަމައެކަނި ދުންފަތުންތޯއެވެ؟
ރާއްޖޭގައި ހުޅުވުނު އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ސަބަބުން ވެސް ޞައްހަތަށް ގެއްލުންދޭ ކައުންތައް ކެއުން މިވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. ޒަމާނަށް އަންނަ ކުރިއެރުމާއިއެކު މިފަދަ ހުރިހާ ކަމެއްވެސް ދާނީ ހިނގަމުންނެވެ. އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އެތަންތަނުން ކެވޭ ޞިއްޙަތަށް ގެއްލުންހުރި ތަކެއްޗަށް ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ކުރެވެން ޖެހޭނެ ކަމެކެވެ.
ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރާނަމަވެސް ޑްރާމާ ކުޅުން ހުއްޓާލަން އެބަޖެހޭ ނޫންތޯއެވެ؟ ވަކި ސިގިރެޓް ނުވިއްކާތީ ފޮށިގަނެ އެ ފޮށިން ސިގިރެޓް ނަގައި ރޯކޮށްގެން މަގުމެދުގައި ނުވަތަ ޕޭމަންޓް މަތީގައި ހުރެ އެންމެންގެ ގައަށް ދުންބުރުވީމާ ފޮށި ގަނެގެން ބުރުވި ދުމަށްވާތީ އެދުމުގެ ސަބަބުން ކެންސަރު ނެޖެހޭނީތޯއެވެ؟
މިފަދަ ގިނަ ސަބަބުތައް ހުރުމުން ދަންނަވަން ޖެހެނީ ހަމަ އެއްވާހަކައެކެވެ. ޕޯސްޓަރަކާއިއެކު ނަގާ ފޮޓޯއަކުން ހަމަ އެއްވެސް ޙައްލެއް ނުލިބޭނެ ވާހަކައެވެ. ހައްލު ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ވާހަކައެވެ.