އިންޓަރނެޓަކީ ދިވެހިންނަށް "ސޭފް" އެއްޗަކަށް ހަދަން މަސައްކަތް ކުރާނަން: މަލީހް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 18ސ
އިންޓަރނެޓަކީ ދިވެހިންނަށް "ސޭފް" އެއްޗަކަށް ހަދަން މަސައްކަތް ކުރާނަން: މަލީހް

އިންޓަރނެޓަކީ ދިވެހިންނަށް "ސޭފް" އެއްޗަކަށް ހައްދަވަން ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.  

މަލީޙް މިމޭރުމުން ވިދާޅުވީ މިއަދު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ސޭފާ އިންޓަނޭޓް ޑޭ އާއި ގުޅުވައިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.  

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައިފިނަމަ ފޭކް އައިޑީތައް ހަދައިގެން އިސްލާމް ދީނާއިމެދު ޝައްކުތައް އުފެދޭފަދަ މަޢުލޫމާތު ފަތުރައި އިސްލާމް ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަން ކުރާތީ އާއި ކަންކަން މާނަކޮށްދިނުމާއި ޓްވީޓުން އަކުރު މަދުކުރުމާއި އަކުރު އިތުރު ކުރުމާއި އެނޫންވެސް އެފަދަ އަމަލުތައް ކުރާތީ އިންޓަރނެޓް ބޭނުންކުރުމަކީ ދިވެހިންނަށް މިހާރު ބިރުވެރިކަމަކަށް ވެފައިވާ މައްސަލައިގައި މަލީޙް ވިދާޅުވީ އެކަންކަމާއި ގުޅިގެން އެ މިނިސްޓްރީއަށް ކުރެވެންހުރި ކަންކަން ކުރާނެ ކަމަށެވެ.  

ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކަށްބަލާއިރު އިންޓަރނެޓް ބޭނުން ކުރުން ރާއްޖޭގައި މިހާރު މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ބަސް:

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ސޭފާ އިންޓަނޭޓް ޑޭ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިދުވަސް ފާހަގަކުރާތާ އަހަރުތަކެއްވެފައިވީ ނަމަވެސް ރާއްޖޭގައި މިދުވަސް ރަސްމީކޮށް އަދި ފާހަގަކޮށްފައެއް ނުވެ އެވެ. 

މިއަހަރު މިދުވަސް މައިގަނޑު ހަތަރު ޝިއާރެއްގެ ދަށުން ފާހަގަ ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ ޒިންމާ، އިޚްތިރާމް، ބުއްދީގެ ބޭނުން ކުރުން އަދި އަރައިގަތުމެވެ. 

މި ހަތަރު ޝިއާރަށް އަލިއަޅުވާލާއިރު އިންޓަނެޓް ބޭނުންކުރުމުގައި ޒިންމާ ތަކެއް އަދާ ކުރަން ޖެހޭ ކަން ކޮންމެ ފަރުދަކުވެސް ދަންނަން ޖެހެއެވެ. އެގޮތުން އިޖްތިމާއީ ވިއުގަތައް ބޭނުންކުރާއިރު ނުދަންނަ ފަރާތްތަކާ ވާހަކަ ނުދެއްކުމާއި، އަމިއްލަ މައުލޫމާތު ހިއްސާ ނުކުރުމާއި، ނުދަންނަ މީހަކު ތިމާއަށް ނުވަތަ ތިމާ ދަންނަ އެހެން މީހަކަށް މިފަދަ ގޮތްގޮތަށް އުނދަގޫ ކުރާނަމަ އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަކީ ފަރުދީ ޒިންމާއެކެވެ. އަދި އަމިއްލަ އިޖްތިމާއީ ވިއުގަތަކުގައި ބޭނުންކުރާ އެކައުންޓްތައް ވަނީ އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރެވިފައިތޯ ގަވާއިދުން ބަލައި ޗެކް ކުރުން މުހިންމެވެ. މީގެ އިތުރަށް އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންކަން އިޖްތިމާއީ ވިއުގަތަކުގައި ހިއްސާ ނުކުރުމަކީވެސް އިންޓަނެތް ބޭނުންކުރުމަގއި ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމެވެ. 

އިންޓަނެޓް ބޭނުންކުރާ ވަގުތުތަކުގައްޔާއި ބޭނުންނުކުރާ ވަގުތުަކުގައި އަމިއްލަ ނަފްސަށާއި އެހެނެްމީހުނަށް އިހްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މީހުންނާ މުއާމަލާތް ކުރާއިރު ރީތި ބަހުން ވާހަކަދެއްކުމާއި، އެހެންމީހުންގެ ޚިޔާލުތަކަށް އިހްތިރާމް ކުރުމާއި، އަދި ޚިޔާލް ތަފާތުވުމެއް އުފެދިއްޖެނަމަ ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުން ހިމެނެ އެވެ. އިންޓަނެޓް މެދުވެރިކޮށް މީހުންނަށް ހަނގާ ނުވަތަ ސައިބަ ބުލީ ނުކުރުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރު ނުދިނުުމަކީ އެހެންމީހުންނަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން ކުރެވިދާނެ ވަރަށް އާދައިގެ ކުދިކުދި ކަންކަމެވެ. މީގެ އިތުރަށް އެކި ސައިޓްތައް ބޭނުންކުރާ ވަގުތުތަކުގައި ކަނޑައެޅިފައިވާ ގާނޫނުތަކަށް ނުވަތަ ޑިޖިޓަލް ލޯޒް އަށް ހުރުމަތްތެރިކޮށް ހިތުމަކީވެސް ކުރަންޖެހޭ ބޭނުންތެރި ކަންކަމެވެ.  

އިންޓަނެޓް ބޭނުންކުރަމުންދާ ވަގުތުތަކުގައި އަދި އެނޫންވެސް ވަގުތުތަކުގައި ބުއްދީގެ ބޭނުންކޮށް ތިމާ ކުރާ އަމަލުތަކުގެ ސަބަބުން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއްތޯ ވިސްނުމަކީ ބޭނުންތެރި ކަމެކެވެ. ތިމާ ޝެއާ ކުރާ ނުވަތަ އަޕްލޯޑް ކުރާ ސްޓޭޓަސް، ފޮޓޯ ފަދަ އެއްޗެހީގެ ސަބަބުން އެހެންމީހުންގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކާ ދެތެރޭ މިފަދަ ކަންކަން ކުރުމުގެ ކުރިން ވިސްނާލުން ބުއްދިވެރި އެވެ. އަދި ސައިޓް ތަކަށް ވަނުމުގެ ކުރިންނާއި، ފޮޓޯ އަދި ވީޑިއޯ ޑައުންލޯޑް ކުރުމުގެ ކުރިން ނުވަތަ އޮންލައިންކޮށް އެއްޗެހި ގަތުމުގެ ކުރިން މިވަދެވެނީ ވަނުން އެންމެ ރަނގަޅު ސައިޓަށްތޮ ޗެކްކުރުން މުހިންމެވެ. 

އިންޓަނެޓް ބޭނުންކުރުމުގައި ނުވަތަ އެނޫންވެސް ވަގުތުތަކުގައި ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށްތަކައި މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއެކެވެ. މީހެއްގެ ފަރާތުން އުނދަގޫ ކުރިމަތިވާނަމަ އެމައްސަލަ ކަަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން މުހިންމެވެ. ނުވަތަ ސައިޓެއް، އެޕްލިކޭޝަނެއް ބޭނުންކުރަން ނޭންގޭނަމަ އެކަން ރަނގަޅަށް ދަންނަ މީހެއް ކަިއރިން ރަނގަޅަށް އޮޅުންފިލުވަމަކީ ކުރަނެޖެހޭ ކަމެކެވެ.

މާލެއާއި ރާއްޖޭގެެ އެކި ހިސާބުތަކުގައި އެކި ކަހަލަ އެޕްލިކޭޝަންތަކާއި އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން ވެރިފަރާތަށް ނޭންގި ވައިފައި ބޭނުންކުރުން ވަނީ އާންމުވެފަ އެވެ. މިކަމަށް ހައްލެއް ގެނައުމަށް މިމިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރަށް މިހާރު އެކުލަވާލަމުންދާ ޤާނޫނުތައް ވުޖޫދަށް އައުމުން މިހާރަށްވުރެ ރައްކާތެރިކަމާއެކު އިންޓަނެޓްގެ ޚިދްމަތް ދިވެހި ރައްޔިތުންނަށް ލިބިގެން ދާނެއެވެ.

 

 

 

 

މިއަދު އޮންލައިން