ޒަރީނާ އަކީ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ޒުވާން އަންހެން ކުއްޖެކެވެ. ކިޔަވައިގެން ހުރި ތައުލީމީ ކުއްޖެކެވެ. ހުރީ ކައިވެންޏެއް ކުރަން ބޭނުންވެފައެވެ. ނަމަވެސް ބައިވެރިއަކު ހޯދާނެ ގޮތެއް ނުވިސްނިފައެވެ. ސަބަބަކީ މިޒަމާނުގައި މިއުޅޭހެން ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭކަށް ޒަރީނާ ބޭނުމެއް ނުވެއެވެ. އަދި ހިލޭ ފިރިހެނުންނާއިއެކު ރެސްޓޯރަންޓް ތަކުންނާއި ކޮފީ ޝޮޕްތަކުން ވެސް ފެންނާކަށް ބޭނުމެއް ނުވެއެވެ. ޒަރީނާގެ އޮތީ ހަމައެކަނި އެންމެ އުންމީދެކެވެ. އެއީ ހެޔޮ ލަފާ ތަޤްވާވެރި ފިރިއަކު ލިބުމެވެ.
އެކަމުގެ އުންމީދުގައި ހުންނަތާ 2 އަހަރު ފާއިތުވިފަހުން އެއްދުވަހަކު އޮފީހުގައި އުޅެނިކޮށް ރައްޓެހި އަންހެން ކުދިން ކޮޅެއް ދިން ދައުވަތަކަށް މެންދުރު ރެސްޓޯރަންޓަކަށް ދިއައެވެ. އެކުދިން ލަސްވުމުން އިންތިޒާރުގައި މަޑުކޮށްލައިގެން އިންދާ ޒުވާނަކު އައިސް ޒަރީނާ އާއި ވާހަކަދައްކަން ފެށިއެވެ. އެކަނި އިނީ ކީއްވެގެންތޯ އާއި ދިރިއުޅުމާއި ބެހޭ ގޮތުން ސުވާލުތައް ކުރަން ފެށިއެވެ. ޖަވާބު ދެވެން ހުރި ވަރަށް ޒަރީނާ ޖަވާބު ދިނެވެ. ނަމަވެސް މާގިނަ ވާހަކަތަކެއް ނުދައްކައެވެ.
އެއިގެ މަހެއްހައި ދުވަސްފަހުން ޒަރީނާ އޮފީހުގައި އުޅެނިކޮށް އޮފީސް ނަމްބަރަށް އައިފޯނުކޯލެއް ނެގުމުން ފުރަތަމަވެސް ބުނީ މިއީ މީގެ މަހެއްހައި ދުވަސްކުރިން މިވެނި ރެސްޓޯރަންޓަކުން ބައްދަލުވި ޒުވާނާ ކަމަށެވެ. ފޯނު މިކުރީ ވަރަށް ބުރަ މަސައްކަތުން މައުލޫމާތު ހޯދައިގެން ކަމަށެވެ. އަދި ފޯނުކުރީ ބައްދަލުކުރަން ބޭނުންވާތީ ކަމަށާއި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވާ ކަމަށެވެ.
ޒަރީނާ ބުނީ ދެމީހުން ވަނީ އިއްތިފާޤަކުން ނަމަވެސް ބައްދަލުވެފައި ކަމަށާއި ވާހަކައެއް ބުނަން އިތުރަށް ބައްދަލު ކުރުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ. ބޭނުން ކޮންމެ ވާހަކައެއް ފޯނުން ބުނެވިދާނެ ކަމަށެވެ. ޒުވާނާ ބުނީ އޭނާ ބޭނުންވަނީ ޒަރީނާ އާއި ލޯބީގެ ގޮތުން ގުޅެން ކަމަށެވެ. ޒަރީނާ ބުނީ ލޯބީގެ ގޮތުން ގުޅުމަކީ އޭނާ ދަންނަ ކަމެއް ނޫން ކަމަށާއި އޭނާ ދަންނަނީ ކައިވެނިން ގުޅެން ކަމަށެވެ. ކައިވެންޏަށް ތައްޔާރު ނަމަ އޮފީހަށް އައުމުން ބައްދަލުކޮށް ވާހަކަ ދައްކާނެ ކަމަށެވެ.
އެއީ ބުރާސްފަތި ދުވަހެކެވެ. ޖެހިގެން އައި އާދީއްތަ ދުވަހު ޒުވާނާ ޒަރީނާ އާއި ބައްދަލުކުރަން އޮފީހަށް ދިއައެވެ. ދެމީހުން ބައްދަލުކުރީ އޮފީހުގެ މީޓިންގ ރޫމްގައެވެ. ފުރަތަމަ ވާހަކަ ފެށީ ވެސް ޒަރީނާއެވެ. ޒަރީނާ ބުނީ އޭނާގެ ޝަރުޠަކީ ހަމައެކަނި ތަޤްވާވެރިވުން ކަމަށާއި ފުރިހަމަ ތަޤްވާވެރިއެއް ނަމަ ދެން އޭނާ އިތުރަށް ބޭނުންވާ ކަންކަން އަމިއްލައަށް ލިބިގަންނާނެ ކަމަށެވެ.
ޒުވާނާ ބުނީ އޭނާއަކީ 5 ނަމާދުކުރާ ތަޤްވާވެރިއެއް ކަމަށާއި ނަމަވެސް ވަރަށް ނިކަމެތި ހާލުގައި އުޅެން ޖެހިފައިވާ ޒުވާނެއް ކަމަށެވެ. މައިން ބަފައިން މަރުވެފައިވާ ކަމަށާއި ދިރިއުޅެނީ ބޮޑުބޭބެ އެއްގެ ގޭގައި ކަމަށެވެ. އަމިއްލަ ގެދޮރެއްވެސް ނެތް ކަމަށާއި ލިބެނީ ވެސް ވަރަށް އާދައިގެ މުސާރައެއް ކަމަށެވެ.
ޒަރީނާގެ ޖަވާބު ވަރަށް ކުރެވެ. "އެހެންވީމާ ޒިޔާރަތްކުރަން ޖެހޭނެ މާގިނަ ތިމާގެ ބައަކު ނުތިބޭނެ ނޫން ހެއްޔެވެ؟ އެކުގައި ކޮފީބޯން ދާން ޖެހޭނެ އެކުވެރިންނެއްވެސް ނުތިބޭނެ ނޫން ހެއްޔެވެ؟ އަވަސްވާނީ އަވަސް ކުރީމައެވެ. އަވަހަށް ހެކިވެރިން ފޮނުވާށެވެ! މެންދުރުފަހު 3 ގެ ފަހުން ގޭގައި އުޅޭނަމެވެ."
ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކައިވެނި ކުރެވުނީ މަހެއްހައި ދުވަސްފަހުންނެވެ. ޒުވާނާ ވީ ހަމަ ވަރަށް ރަނގަޅު، ތަޤްވާވެރިއަކަށެވެ. ޒަރީނާ ނިޞްބަތްވަނީ މެދުމިނު ޢާއިލާއަކަށެވެ. ދެމަފިރިން ދިރިއުޅެނީ ޒަރީނާގެ ގެއިން ލިބިފައިވާ ކުޑަ ތަންކޮޅެއްގައެވެ. ކައިވެންޏަށް އަހަރުވީއިރު މާތް ﷲ އިރާދަފުޅުން ވަނީ ލޯބިލޯބި ދަރިއަކުވެސް ލިބިފައެވެ.
ކައިވެންޏަށް އަހަރުވީއިރު ޒަރީނާއަށާއި ފިރިމީހާއަށްވެސް ވަނީ މަޤާމުގެ ކުރިއެރުން ލިބިފައެވެ. ލިބޭ އާމަދަނީވެސް އިތުރުވެފައެވެ. ކައިވެންޏަށް އަހަރު ފުރުނު ދުވަސް ފާހަގަކުރަން ދެމަފިރިން އެއްވެސް ޚާއްޞަ ކަމެއް ނުކުރެއެވެ. އޮފީސް ނިމިގެން ގެއަށް ގޮސް ހަވީރު ސައިބޯން ތިބެގެން ކައިވެނީގެ ދުވަހުގެ ވާހަކަ ދައްކަމުން ދަނިކޮށް ޒަރީނާގެ ރައްޓެހި "އަންހެން ކުދިންކޮޅު" ގެއަށް އައިސް ދުވަސް ފާހަގަ ނުކުރާތީ ދިމާކުރަން ފެށިއެވެ. އަދި ބުންޏެވެ. "ދެން ރަނގަޅުތާއެވެ. އެދުވަހު އަހަރެމެން ރެސްޓޯރަންޓަށް ދާން ލަސްވިކަމުން ތިއޮތީ މާވަހަރެއް ލައްގާފައިވިއްޔާއެވެ."
އެހިސާބަށް ދިއުމުން ޒަރީނާ ކޮޓަރިއަށް ގޮސް ކުޑަ ޕާރުސަލެއް ހިފައިގެން އައިސް 3 ރައްޓެހިންނާއި ޙަވާލުކުރިއެވެ. އަދި ބުނެލިއެވެ. "ހިތުން ތިއަތިބީ އަދިވެސް މަށަޢް ނުއެނގޭނެ ކަމަށް ހީކޮށްގެންދޯއެވެ! އޮޅުވާލުމެއްގެ ތެރެއިން ނަމަވެސް ދިން ރަންގަނޑަށްޓަކައި ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ހަޤީޤަތުގައިވެސް ދެވުނީ ހަމަ ރަނގަނޑެކެވެ."
3 ރައްޓެހިންނަށް ޒަރީނާ ދިނީ ސައިބޯ 3 މަގެވެ. ކޮންމެ މަގެއްގައިވެސް ލިޔެފައިވަނީ "ދިން ރަނގަނޑަށް ޝުކުރިއްޔާ" އެވެ. ހަޤީޤަތަކީ ޒަރީނާ އާއި ރެސްޓޯރަންޓުން ޒަރީނާގެ ފިރިމީހާ އާއި ބަދަލުކުރުވީ 3 ރައްޓެހިންގެ ރޭވުމަކުން ކަމެވެ.
(މިއީ މާލޭގައި މީގެ 2 އަހަރުކުރިން ހިނގާފައިވާ ކަމެކެވެ. މައުލޫމާތު މިއަދުނޫހާއި ހިއްޞާކުރީ ޒަރީނާގެ ރައްޓެހި ކުއްޖެކެވެ.)