ވިލިމާލެ ފެރީއަކާއި އެއާޕޯޓު ފެރީއެއް ޖެހި އެކްސިޑެންޓުވުމުގެ ސަބަބުން، ލިބުނު ކުއްލި ސިހުމެއްގައި ދެމީހަކު ހޭނެތިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މިއަދު ހަވީރު 16:40 ހާއިރު ހިނގި މިއެކްސިޑެންޓުގެ ސަބަބުން ހޭނެތިފައިވަނީއެމްޓީސީސީ ވިލިމާލެ ފެރީ ދުއްވަން އިން ކައްޕިއާއި އިތުރު އަންހެނެކެވެ. އެދެމީހުންނަށް ވެސް މިހާރު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އެބަދެއެވެ.
ވިލިމާލޭ ރައްޔިތަކު "މިއަދުނޫހަށް" މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުވީ ފެރީއަކާއި އެއާޕޯޓު ފެރީއެއްޖެހިގެންނެވެ. އެއާޕޯޓު ފެރީގެ ކޮޅު، ވަނީ ފެރީގެ އެތެރެއަށް ކަމަށާއި މިއެކްސިޑެންޓު ހިނގީ ވިލިމާލޭ ފަޅުތެރޭގައި ކަމަށް ވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.
އެކްސިޑެންޓުވީ "ނަސްރު" ކިޔާ އެމްޓީސީސީ ވިލިމާލެ ފެރީ އަކާއި "އުންމީދު" ކިޔާ އެއާޕޯޓު ފެރީއެއް ޖެހިގެންނެވެ.