ކުނި އަލުން ބޭނުން ކުރެވޭ ގޮތް ހަދާ، ކުނި އެންދުން ހުއްޓާލުމަށް ބ. އަތޮޅުގެ ތިން ރަށެއްގައި "އީކޯ ސެންޓްރޯ" ތަކެއް ގާއިމުކުރުމަށް ސޮނޭވާފުށި ރިސޯޓުން ނިންމައިފި އެވެ.
އެގޮތުން ސޮނޭވާފުއްޓާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ ބ. ދަރަވަންދޫ އާއި މާޅޮހުގެ އިތުރުން އެއަތޮޅު ކިހާދޫ އެވެ.
"ނަމޫނާ ބ. އަތޮޅު" ގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ކުނި ނައްތާލަން ނިންމާފައި ވަނީ ކުނީގެ ގޮތުން އުކާލެވޭ ތަކެތި އަލުން ބޭނުން ކުރެވޭގޮތް ހަދައިގެން ކަމަށް އެނގިފައިވެއެވެ.
ސޮނޭވާފުށި ރިސޯޓުގައި މިހާރުވެސް "އީކޯ ސެންޓްރޯ" އެއް ހިންގަ އެވެ. އެ ތަނުގައި އުފެދޭ އެކިއެކި ކުނި ފުނޑުފުނޑުކޮށް އޭގެން ތަފާތުތަކެތި އުފައްދަ އެވެ. މީގެތެރޭގައި އިމާރާތް ހެދުމަށް ބޭނުންވާ ގާއެޅުމާއި ގަސް ކާނާ ހިމެނެ އެވެ. އަދި އެ ރިސޯޓުން އުކާލާ ހުރިހާ ޕްލާސްޓިކް ކުންޏެއް އެގޮތަށް ބޭނުން ކުރެ އެވެ.