މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް މިފަހަރު ވާދަކުރައްވާ އަޙުމަދު އުޝާމްގެ ދެވަނަ ކެމްޕޭން ޖަގަހަ މިރޭ ހުޅުވައިފިއެވެ.
ޚާއްސަ ރަސްމިއްޔަަތަކާއެކު ވިލިމާލޭ ގޫސްބެރީ ރެސްޓޯރަންޓުގައި މިރޭ ހުޅުވާލި މިޖަގަހައަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ވަދެވޭނެ ގޮތަށް ހަދާފައިވާ ޖަގަހައެއް ކަމަށް، މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވިއެވެ.
އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މިޖަގަހައަށް ވަޑައިގެން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން" އުޝާމް ވިދާޅުވިއެވެ.

ޑެޕިއުޓީ އެޓާރނީ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ އުޝާމްގެ ކެމްޕޭނު ހަރަކާތްތައް ރަސްމީކޮށް ފަށާފައިވާއިރު، މިހަރަކާތުގައި ވިލިމާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކުރެއްވި ކަމަށާއި ވަރަށް ގިނަ ރައްޔިތުންގެ އިޙުސާސްތައް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށްވީ މަޖިލިހަށް ހޮވުމަށްފަހު މެމްބަރުން ރައްޔިތުންގެ މަތިން ހަނދާން ނެތުން ކަމަށާއި ސިޔާސީ ޕާޓީއަކާއި ގުޅި ޕާޓީ ކުރިއަރުވަން މަސައްކަތް ކުރުން ކަމަށް ބުނި ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ވަރަށް ޅަ އުމުރުން ފެށިގެން ވިލިމާލޭގައި ދިރިއުޅެމުން އައި ރައްޔިތެއް. އެހެންކަމުން ވިލިމާލޭގެ ވަރަށް ގިނަ ކަންކަމާއި ދަތިތައް އަޅުގަނޑަށް އެނގޭ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި ވިލިމާލެއަށް ދިމާވެފަ ހުރި ހާލަތު އެނގޭތީ އަޅުގަނޑު ރައްޔިތުންގެ މަޖިލިހަށް އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅި ކުރިމަތިލީ." އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ އޭނާގެ ކެމްޕޭނުގައި އެންމެ އިސްކޮށް ބޭނުން ކުރައްވަނީ "މަޖިލީހަށް ވިލިމާލެ" މި ދެލަފްޒު ކަމަށެވެ.
"6 އޭޕްރިލް 2019 ގައި ބޭއްވޭ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑުގެ ނަން އޮތަކަސް، އަޅުގަނޑުގެ މަޤްސަދަކީ މަޖިލީހަށް ވިލިމާލޭ ރައްޔިތުންގެ އަޑު ގެންދިޔުން. އަޅުގަނޑުގެ މަޤްސަދަކަށްވާނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފިކުރެއް ކުރިއެރުވުމެއް ނޫން" އުޝާމް ވިދާޅުވިއެވެ.