އަތަމާ އިންވެސްޓްމެންޓުން ތިން ބޭންކަކަށް 699 މިލިއަން ރުފިޔާ ދައްކަން، ދަށު ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން އެންމެ ފުރަތަމަ، އަތަމާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗާއި އެ ބޭންކުގެ މޮރިޝަސް ބްރާންޗްގެ އިތުރުން ކޮމާޝަލް ބޭންކް އޮފް ސިލޯނުން ނަގާފައިވާ ލޯނު ނުދެއްކުމުން ޖުމްލަ 45 މިލިޔަން ޑޮލަރު (699 މިލިޔަން ރުފިޔާ) ދެއްކުމަށެވެ.
ސިވިލް ކޯޓުން ކުރި އެހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އަތަމާއިން 2014 ވަނަ އަހަރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެކަމަކު ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމީ އެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ދިޔައީ އެހާ ހިސާބުން އެ މައްސަލަ އަތަމާ އިން ސްޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ވެސް މިއަދު ކަނޑައެޅީ އެހުކުމް ރަނގަޅު ކަމަށާއި ވީހާވެސް އަވަހަށް އެފައިސާ ދެއްކުމަށެވެ.