ރައީސް ޔާމީނުގެ ސަރުކާރުން އެތައް ހާސް ބައަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު ފޯމްތަކަށް މާކްސް ދިނުމުގައިވެސް އެއްވެސް އުސޫލަކަށް އަމަލުކޮށްފައިނުވާކަމަށް މައްސަލަތައް ބަލަމުން ގެންދާ ކޮމީޓީން ބުނެފިއެވެ.
"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖަޢާކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ކޮމިޓީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީން ބުނީ މިހައިތަނަށް ބެލި ބެލުމުންވެސް ފްލެޓް ހައްގު ނުވާ ފަރާތްތަކަކަށް ފްލެޓް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި، މިކަމުގައި އިހުމާލުވާ ފަރާތްތައް ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތްވެސް ކޮމިޓީން ކުރަމުން ގެންދާ ކަމަށެވެ. "
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ހިއްސާ ކުރެއްވި މައުލޫމާތުގެ ތެރޭގައި، ކޮމިޓީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދެވިއިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ހިމެނެއެވެ. މިގޮތުން، ކޮމިޓީން މަސައްކަތާ ހަވާލުވެ ވަޑައިގެންނެވިއިރު އެންމެ ބޮޑަށް ފާހަގަކުރެއްވުނީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ބެހޭ ލިޔެކިޔުންތަކާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ކަމުގައި ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި، މިފަދަ ލިޔެކިޔުންތައް ރައްކާތެރިކަމާއެކީ ބަލަހައްޓާފައިނުވާކަން ފާހަގަ ކުރައްވައި ކޮމިޓީގެ ބޭފުޅުންވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އާންމުން ހުށަހަޅާފައިވާ ފޯމުތައް އެއްވެސް ތަރުތީބެއްނެތި ހުރުމުގެ ސަބަބުން، އެންމެ ފުރަތަމަވެސް ކުރައްވަން ޖެހިވަޑައިގެންނެނީ އެފޯމުތައް ހޯދައި ފޯމުތައް ހަމަކުރުމުގެ މަސައްކަތް ކަމަށާއި އަދިވެސް އެ މަސައްކަތް މުޅިން ނިންމަވައިލެއްވިފައި ނުވާކަމުގައި ވިދާޅުވިއެވެ.