ފޮރިން މިނިސްޓަރ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ފޮރިން މިނިސްޓަރ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ފޮރެން އެފެއާރޒް އަބްދުﷲ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

 

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފޮރެން މިނިސްޓަރ ސައުދީއަށް ފުރާ ވަޑައިގަތީ އިއްޔެއެވެ. މިދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި ރާއްޖޭގެ ތަރައްގީ އަށް ސައުދީން ވެދެވޭނެ އެހީތެރިކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

 

އެމިނިސްޓްރީން ބުނިގޮތުގައި، މިނިސްޓަރ ޝާހިދުގެ މި ބައްދަލުވުމުގައި ސައުދީ ފަންޑުގެ ޗެއާމަން އަހްމަދު ބިން އަލް ހާތިބާ ބައްދަލުކުރައްވައި، އެ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވި އެވެ. އަދި ރާއްޖެ ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ސައުދީ ފަންޑުން އެހީ ދޭނެ ކަމަށް އަލް ހާތިބް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

 

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ އިބްރާހިމް ބިން އަބްދުލް އަޒީޒް އަލް-އައްސަފް އާ މިއަދު ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީއާ އޮންނަ ގާތް ގުޅުން ދަމަހައްޓަން ސައުދީން މަސައްކަތް ކުރައްވާނެ ކަމަށް ސައޫދީ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދޭތެރޭގައި އޮންނަ އަހުވަންތަކަމުގެ ގުޅުން ދަމަހައްޓަން ސައުދީން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ ސައުދީގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއަދު އޮންލައިން