މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙުމަދު މަޙްލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑު ކުރައްވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަންގަވައިފިއެވެ.
އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮަޑު ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޔޫތު މިނިސްޓަރު މަޙުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި އަދި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް، އޭސީސީން މިއަދު އާންމުކުރި ތަހުގީގު ރިޕޯޓުން ހާމަވެފައިވެއެވެ.
މަހުލޫފް އާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އެންގެވީ މިކަމާއި ގުޅިގެންނެވެ.
ރައީސް ޞާލިހު އެ ދެބޭފުޅުންނަށް ގޭގައި މަޑުކުރަން އެންގެވީ އެބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެނެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް ގެންގުޅުއްވާނީ "ޒީރޯ ޓޮލިރެންސް" ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ގޭގައި މަޑުކުރައްވަން އެންގެވުމުން، އެއެންގެވުމަށް އިޚުތިރާމް ކުރައްވާކަމަށް، ޓްވިޓާ މެދުވެރިކޮށް މަޙުލޫފް ވިދާޅުވިއެވެ.