އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، ވިލާ ޓްރެވެލްސް އިން ގަތް 700،000 (ހަތް ލައްކަ) ރުފިޔާއަށްވާ ދިވެހި ފައިސާ އެކުންފުންޏަށް ބަރާބަރަށް ދީފައިވާނެ ކަމަށް، ވިލާ ޓްރެވެލްސް އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ، ތަހުގީގު ރިޕޯޓް އޭސީސީން މިއަދު އާންމު ކުރި އިރު އެ ރިޕޯޓުގައި ވާގޮތުން، ހިޔާނާތުގެ ފައިސާގެ ތެރެއިން 700،000 ޑޮލަރު (10،794،000 ރުފިޔާ) ވިލާ ޓްރަވެލްސް އެންޑް ޓްއާސް އަށް އެސްއޯއެފުން ދީފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން ވިލާ ޓްރެވެލްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއޯއެފް ކުންފުންޏާ އެކު މުއާމަލާތްކުރީ ޑޮލަރު ގަތުމަށް ކަމަށެވެ.
މީގެއިތުރުން ވިލާ ޓްރެވެލްސް އަކީ ފުޅާދާއިރާއެއްގައި ރާއްޖޭން ބޭރުގެ އެއާލައިން ތަކުގެ ޓިކެޓް ވިއްކާ ކުންފުންޏަކަށް ވާއިރު، އެ ކުންފުނިން ރުފިޔާ އަށް ޓިކެޓް ވިއްކި ނަމަވެސް އެއާލައިނަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އެހެންކަމުން އެހެން ކުންފުނިތަކާއި އެއްގޮތަށް އެ ކުންފުންޏަށް ވެސް ޑޮލަރު ލިބުމުގެ ދަތިކަން ދިމާވުމުން އެކަން ހައްލު ކުރަނީ ރާއްޖޭގެ ބާޒާރުން ޑޮލަރު ގަނެގެން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ވިލާ ޓްރެވެލްސް އަކީ ބޭރުފައިސާ ގަނެވިއްކުމުގެ މުއަމަލާތް ކުރުމަށް އެމްއެމްއޭ އިން މަނީއެކްޗޭންޖާ ލައިސެންސް އޮތް ކުންފުންޏެއް ކަމަށެވެ. އަދި އެގޮތުން ޑޮލަރު ގަތުމަށް އެސްއޯއެފާއެކު ވިލާ ޓްރެވަލްސް އިން 2014-2015 ވަނަ އަހަރާ ދެމެދު މުއާމަލާތް ކުރެވުނު ކަމަށާއި، އޭރު ގަތް ޑޮލަރަށްވާ ދިވެހި ފައިސާ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެސްއޯއެފާ އެކު އެ ކުންފުނިން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން އޭސީސީގެ އިތުރުން އެހެން އެއްވެސް އިދާރާ އަކުން ވެސް މިހާތަނަށް އެ ކުންފުންޏާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް ވިލާ ޓްރެވެލްސްގެ އެބަޔާނުގައި ބުނެ އެވެ.