މަނީ ލޯންޑަ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ދައުވާއާއި އިތުރު ދައުވާއެއް، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރުގެ މައްޗަށް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކަމަށެވެ. އަދި މިދެދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އެއޮފީހުން ބުނެފައިވެއެވެ.
އާޒިމާގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދެއްވި ކަމަށެވެ. އޭނާވަނީ ރައީސް ޔާމީންގެ ވަކީލުކަން ވެސް ކުރައްވާފައެވެ.
ދޮގު މައުލޫމާތު ދިން ކަމަށް އާޒިމާގެ މައްޗަށް ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތިން ހަގީގަތާއި ޚިލާފު މައުލޫމާތުތަކެއް އޭނާ ދެއްވާފައިވާތީ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.