މިމަހުގެ 12 އިން 14 ގެ ނިޔަލަށް ރަޝިޔާގެ މޮސްކޯގައި ކުރިއަށް ގެންދާ "މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން" ގައި ދިވެހިރާއްޖެ ތަމްސީލްކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމް.އެމް.ޕީ.އާރްސީ އާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏެއްގެ 34 ފަރާތެއް ބައިވެރިވެފައިވެއެވެ.
އެމް.އެމް.ޕީ.އާރްސީ ބުނެފައިވަނީ ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައިމި މާރކެޓްގައި ހަރަކާތްތެރިވާ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ، ރާޝިޔާގެ އެންމެ މަގުބޫލު މީޑިޔާތަކާއި އަދި ރަޝިޔާއާއި ދިވެހިރާއްޖެއާއި ދޭތެރޭ ދަތުރުކުރާ ބޮޑެތި އެއާރލައިންތަކާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދެވޭނެ އެކި ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިފެއަރއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދިނުމަށް ސްޓޭންޑްގައި ވަނީ ހަމަޖައްސާފައެވެ. އަދި ހަމައެއާއެކު ފެއަރގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމައްފަހު، ހާއްސަ އިނާމްތަކެއް ލިބިގެންދެއެވެ.
މި ފެއާގައި ދިވެހިރާއްޖެގެ ސްޓޭންޑު ފަރުމާކުރެވިފައިވާނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ.
މިދިޔަ އަހަރު މިފެއަރގައި، ދުނިޔޭގެ އެކި ޤައުމުތަކުން 22777 އަށްވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލްސް ވަނީ ބައިވެރިވެފައެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމަކުން، 1800 އަށްވުރެ ގިނަ ކުންފުނިން މި ފެއަރގައި ބައިވެރިވެއެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މިމާކެޓްއިން ރާއްޖެއަށް 70,935ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔައަހަރާއި އަޅާބަލާއިރު 14.5% ގެ ކުރިއެރުމެކެވެ. 2019 މި ފެއަރގެ ސަބަބުން މިމާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަވެ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް މިކޯޕަރޭޝަނުން ދެކެމެވެ.