
އާ ސަހަރާ ފުރިގެން އަނެއްކާވެސް އެތަނަށް ފަސް އަޅަން ނިންމައިފިއެވެ.
މީހުން ވަޅުލާން މާލޭގައި މިހާރު އޮންނަ ހަމައެކަނި ތަން ކަމުގައިވާ އާ ސަހަރާ ފުރިގެން މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ފަސް އަޅާފައިވާއިރު އެކަމަށް ދާއިމީ ހައްލެއް ގެންނައުމަށް ކުރީގެ ސަރުކާރުން ވަނީ މަރުވެފައިވާ މީހުން ވަޅުލުން ވަގުތީ ގޮތުން ހުޅުމާލޭ ސަހަރާއަށް ބަދަލު ކޮށްފައެވެ.
ނަމަވެސް އެއިރު ކަނޑު ހުރަސްކޮށް މައްޔިތާ އުފުލަން ޖެހުމާއި ދަތުރުފަތުރުގެ އުނދަގޫތައް ހުރުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު މާ ގިނަ ދުވަހެއް ނުވެ އެކަން ހުއްޓާލީ އެވެ. ސިނަމާލެ ބްރިޖު ބޭނުން ކުރަން ފެށުމުން ފަހުން އެކަން އަލުން ކުރިއަށް ގެންދިޔުމަށް ވެސް ނިންމިއެވެ.
މިކަމާއި ގުޅޭގޮތުން މާލޭސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އާ ސަހަރާގެ ޖާގަ މިހާރު އަނެއްކާވެސް ފުރިފައިވުމުން އެތަނަށް ފަސް އަޅަން ނިންމާފައިވާ ކަމަށާއި އެ ސަހަރާގެ އިރުމަތީ ފަރާތަށް ފަސް އެޅުމަށް، އެތަނުގައި ހުރި މަހާނަތަކުގެ ގައުތައް މި މަސް ނިމުމުގެ ކުރިން ނަގަން އާއިލާތަކަށް އަންގާފައިވާ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އާއިލާތަކުން ނުނަގާ ހުރި ގައުތައް ކައުންސިލުން ނަގާ، އެތަނަށް ވެލި އެޅޭނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.