ދިވެހި ރާއްޖޭގެ ދީނަށާއި އަދި މިނިވަންކަމަށް މާޒީގައިވެސް ގެއްލުން ވެފައިވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ބޭރުގެ ފަރާތް ތަކާއި ގުޅިގެން އެމީހުންގެ އެހީއާއި ޗަންދާގައި އުޅުނު މީހުންގެ ފަރާތުން ކަމަށާއި އިއްޔެގެ މިޙަގީގަތަކީ ހަމަ މިއަދުގެވެސް ޙަގީގަތް ކަމަށް ޑރ. މަޢްރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.
ޑރ. މަޢްރޫފް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރާއްޖެ އާއި ބޭރުގެ ބައެއް ފަރާތްތަކާއި އޮންނަ ގުޅުން ކުއްލިއަކަށް ބޮޑުވެ ބޮޑެތި އެހީތައް ލިބެން ފެށުމުން ރައްޔިތުން ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.
މިސަރުކާރު ވެރިކަމަށް އައިއިރު ބުނަމުން އައީ ވެރިކަން ބަދަލުވުމުން އީޔޫއަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިޔުޓީ ކަނޑައިލަ ދޭނެ ކަމަށެވެ. މިހާރު ބުނަނީ އެކަމަށް މަޝްވަރާ ކުރާ ކަމަށާއި އަދި މަސައްކަތް ކުރާ ވާހަކައެވެ. އެހެންކަމުން ވެރިކަން ބަދަލުވި ނަމަވެސް އީޔޫ އިން އަދިވެސް އެ އިންތިޒާރުކުރަނީ ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ޤާނޫނުގައި އޮންނަ އޮތުން ނައްތާލައި އަދި ރާއްޖޭގައި އެއް ޖިންސުން ކައިވެނި ކުރުން ފަދަ ކަންކަން ކުރުން ހުއްދަކުރަންދެން ކަމަށް ބެލެވެއެވެ.