ބުލީ ކުރުމާއި ދެކޮޅަށް ހަމަޖެއްސި އެމްބެސެޑަރު، އަންހެން ކުދިންތަކަކަށް "ބުލީ ކުރި" ކަމުގެ ސީރިއަސް ތުހުމަތުތަކެއް!

ކިޔުމަށް ހޭދަވާނީ 2މ 40ސ
ބުލީ ކުރުމާއި ދެކޮޅަށް ހަމަޖެއްސި އެމްބެސެޑަރު، އަންހެން ކުދިންތަކަކަށް "ބުލީ ކުރި" ކަމުގެ ސީރިއަސް ތުހުމަތުތަކެއް!

ބުލީ ކުރުމާއި ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި "އެންޓި ބުލީ" އެމްބެސެޑަރ އަދި މަޝްހޫރު ވްލޮގަރ އާލިފް ނަސީރު (އާލް)، އަންހެން ކުދިންތަކަކަށް ބުލީ ކުރިކަމަށް ބުނާ ސީރިއަސް ތުހުމަތުތަކެއް ފެންމަތި ވެއްޖެއެވެ. 

އޭނާއާއި ދެކޮޅަށް ހެކިބަސް ދީފައިވާ ބައެއް އަންހެން ކުދިން ބުނެފައިވަނީ އާލް އެކުދިންނަށް ބްލެކްމެއިލްކޮށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. 

ސްކޫލް މާހައުލުގައި ބުލީކުރުމާއި ދެކޮޅަށް އަމަލުކުރާނެ އުސޫލެއް ހަދައި، އެފަދަ ކަންތަކާ ދެކޮޅަށް މަސައްކަތް ކުރާނެ އެމްބެސެޑަރަކަށް އާލް ހަމަޖައްސާ ލިޔުން ހަވާލު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް ލިޔުން ހަވާލުކުރި ފަހުން އޭނާއާއި ބެހޭގޮތުން އެތުހުމަތުތައް ފެންމަތިވެއެމައްސަލަ ހޫނުވުމުން، އެކަން ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ސަމާލު ކަމަށް ވެސް އައިސްފައެވެ. 

"އެންޓި ބުލީ އެމްބެސެޑަރ" ކަމުގެ މަގާމުން އާލް އަދި ވަކި ނުކުރި ކަމުގައި ވިޔަސް އެޑިއުކޭޝަން މިނިސްޓަރ ވެސް ވަނީ މިމައްސަލައިގެ ސަބަބުން އާލް އާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. 

މިމައްސަލައާއި ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްވިޓާގައި މިދިޔަ ހޯމަ ދުވަހު މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އެމްބެސެޑަރަކަށް އާލިފް ހަމަޖެއްސެވީ އެޑިއުކޭޝަން މިނިސްޓްރީގެ އިތުބާރު ކުރެވޭ މުވައްޒަފެއް އެކަން މިނިސްޓަރަށް ހުށަހެޅުއްވުމުން، ބެކްގްރައުންޑަށް ބެލުމަށްފަހު ކަަމަށެވެ. އަދި އެއިރު އެފަދަ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އާލް އާއި ދެކޮޅަށް މިތުހުމަތުތައް ފެންމަތިވުމުން، އޭނާ ވަނީ އެކަންކަމަށް މިދިޔަ މަހު މާފަށް ވެސް އެދިފައެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އާލިފް މާފަށް އެދި ކުރެއްވި ޓްވީޓަށް "ލައިކް" ދެއްވީ މާފަށް އެދުނު ކަމަށް ބައްލަވާލާފައި ކަމަށާއި ނަމަވެސް މައްސަލައިގެ އަސްލު ސީރިއަސްކަން އެނގިވަޑައި ގަތުމުން "އަންލައިކް" ކުރެއްވި ކަމަށެވެ. 

"ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ގެންގުޅޭނީ ޒީރޯ ޓޮލެރެންސް، އެއުސޫލު އަބަދުވެސް ދަމަހައްޓާނެ. ގަދަރުވެރި އަދި ތުހުމަތެއް ނެތް މީހަކަށްވުމަކީ އެމްބެސެޑަރުގެ މަގާމަށް ބޭނުން ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ. 

އާލްގެ މިމައްސަލަ ފެންމަތިވުމުން ދިރާގާއި، ލެކިއުޓް އަދި ލޮޓަސް ފިހާރައިގެ އިތުރުން ބައިސްކޯފުން ވެސް ވަނީ އޭނާއާއެކު މަސައްކަތް ކުރުން ހުއްޓާލާފައެވެ.

މިއަދު އޮންލައިން